Last Updated: June 20, 10:55
Saturday, June 20, 2026
ޚަބަރު

ފައިސާ ނެގިކަމަށް ރައީސް ވިދާޅެއް ނުވޭ، އުފެއްދެވީ ސުވާލެއް: މުއާޒް

ނޫސްވެރިންނާއި ބައްދަލުކޮށް މުއާޒް ވާހަކަދައްކަނީ: ފޮޓޯ - ސަން

ރޭ މާލޭގައި ޕީޕީއެމްގެ ހަރުގެއެއް ހުޅުއްވައިދިނުމަށް ވަޑައިގެން ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާއާ ބެހޭގޮތުން ދެއްކެވި ވާހަކަ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ތަރުޖަމާކޮށްދެއްވައިފިއެވެ.

މުއާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ދެއްކެވި ބައެއް ވާހަކަ އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުންދާ ކަމަށާއި އެމަނިކުފާނު ފައިސާ ނެގިކަމަށް އިއުތިރާފު ނުވާ ކަމަށެވެ.

"ރައީސް ދެއްކެވި ވާހަކަ އިދިކޮޅު ފަރާތްތަކުން ދަނީ އޮޅުވާލަމުން. ރައީސް އިޝާރާތް ކުރެއްވީ "އަލްޖަޒީރާ" ގެ ސްޓީލިން ޕެރެޑައިސް ޑޮކިއުމެންޓްރީގައި އެމަނިކުފާނާ މެދު ބުނާ ބުނުމެއް، ހަމަ އެގޮތަށް ވިދާޅުވުމަށްފަހު، އޭގައި ބުނާ ވާހަކަ އިން ސުވާލު އުފެއްދުމުގެ ގޮތުން."

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ އަދީބުގެ "ނަހަލާލު" ފައިސާ ވަދެފައިވަނީ ހަމައެކަނި އެމަނިކުފާނުގެ ގެއަށް ނޫން ކަމަށެވެ. "އަލްޖަޒީރާ" އަށްވެސް ފެނިފައިވަނީ ހަމައެކަނި އެމަނިކުފާނުގެ ގެއަށް ފޮށިފޮށީގައި ފައިސާ ވެއްދި ތަން ކަމަށާއި އެހެން ތަންތަނަށް ފައިސާ ވެއްދިތަން ފެނިފައިނުވާ ކަމަށް ވިދާޅުވެ ރައީސް ވަނީ ޑޮކިއުމެންޓްރީއަށް ފާޑުވިދާޅުވެފައެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ އަދީބުގެ ފައިސާއިން މަޖިލީހުގެ މިހާރުގެ ބައެއް މެމްބަރުން އިންތިޚާބުވުމަށް ޚަރަދުކުރި ކަމަށާއި އެއީ ކޮން މެމްބަރުން ބަލަން ޖެހޭ ކަމަށެވެ. އަދި އެމެމްބަރުން އިޚުލާސްތެރި ކަމާއެކު އަމިއްލައަށް އިސްތިއުފާ ދެއްވުމަށްފަހު އަމިއްލަ މަސައްކަތުން ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރުމަށް ރައީސް ޔާމީން ވަނީ ގޮވާލާފައެވެ.