ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓްސް އޭޝިއާ ޕެސިފިކް (ޔޫސީ.އެލް.ޖީ އޭ.އެސް.ޕީ.އޭ.ސީ) ގެ ބައްދަލުވުމެއްގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤް ނޭޕާލަށް އިއްޔެ ފުރާވަޑައިގެންފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމަތު ލބިފައިވާ ގޮތުގައި މޭޔަރގެ މި ދަތުރުފުޅަކީ ޔޫސީ.އެލް.ޖީ އޭ.އެސް.ޕީ.އޭ.ސީ ގެ ސްޓޭންޑިންގް ކޮމިޓީގެ ބައްދަލުވުމާއި، ސެންޑައި ފްރޭމްވޯކް ފޯ ޑިސާސްޓަރ ރިސްކް ރިޑަކްޝަން އަދި ސަސްޓައިނަބަލް ޑެވެލޮޕްމަންޓް ގޯލްސް ޓްރެއިނިންގް ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިބައްދަލުވުމާއި ވޯކްޝޮޕްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 އަދި 17 މިދެ ދުވަހު ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައެވެ.
ޔޫސީ.އެލް.ޖީ އޭ.އެސް.ޕީ.އޭ.ސީ އަކީ އޭޝިއާ ޕެސިފިކްގެ 22 ޤައުމެއްގެ 140 މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ.
މި ޖަމިއްޔާގޭ މައިގަނޑު މަޤްސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ މެމްބަރު ސިޓީތަކުގެ ލާބައާއި މަންފާއަށްޓަކައި ސިޓީތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް ތަރައްޤީއަށްޓަކައި ދެމެހެއްޓެނެވި ގޮތެއްގައި މަސައްކަތް ކުރުމެވެ.