Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ހިތަދޫ ފްލެޓްތަކަށް ވަގުތީ ނަރުދަމާ އަޅަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ހިތަދޫގައި އިމާރާތްކޮށް ނިމިފައިވާ ފްލެޓްތަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓް ގުޅާލުމަށް ފެނަކަ ކޯޕަރޭޝަން އާއި ހައުސިން މިނިސްޓްރީން ހަވާލުކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝަރީފް "އައްޑޫލައިވް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ފެނާއި ނަރުދަމާ އަދި ކަރަންޓްގެ މަސައްކަތް ކުރުމަށް މި އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ފެނަކަ އާއި ހައުސިން މިނިސްޓްރީން ހަވާލުކޮށްފައިވާކަމަށެވެ.

ޝަރީފް ވިދާޅުވީ މި މަސައްކަތް ފެނަކަ އާއި ހަވާލު ކުރުމާއި ގުޅިގެން މަސައްކަތް ފެށުމަށް ކުރަންޖެހޭ މަޝްވަރާ ކުންފުނީގެ އިސް ފަރާތްތަކާއި އެކު ކޮށްނިމި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ.

ހިތަދޫގައި އިމާރާތްކުރި ފްލެޓްގެ އިންތިޒާރުގައި އެތައް ބަޔަކު ތިބިއިރު ދޭތެރެ ދޭތެރެއިން ފްލެޓްތައް ހަވާލު ކުރާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެކި ސަބަބުތަކާއި ހެދި ދަނީ ފަސް ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް ފްލެޓްތައް ގުރުއަތަށް ހުޅުވާލެވޭ ވަރަށް މައުލޫމާތު ސާފުކޮށް ނިމިފައިނުވެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓްތައް ދޫނުކުރެވިގެން އުޅޭ މައިގަނޑު ބޮޑު ސަބަބަކީ އެތަނުގެ ފެނާއި ކަރަންޓް އަދި ނަރުދަމާ ނެތުމުންނެވެ. ނަރުދަމާގެ ޑިޒައިނިން މިހާރު ހަދާފައިވަނީ ހިތަދޫގައި އަޅާ ރަސްމީ ނަރުދަމާ އާއި ގުޅާލެވޭ ގޮތަށެވެ.

ޝަރީފް ވިދާޅުވީ ހިތަދޫގެ އުތުރާއި ދެކުނުގައި ނަރުދަމާ އަޅަމުން އަންނައިރު ފެނަކައިން ފްލެޓްތަކުގައި ފުރަތަމަ ހަދާނީ ވަގުތީ ނަރުދަމާއެއްކަމަށެވެ. އަދި އެނަރުދަމާގެ ކަންކަން ކުރިއަށް ގެންދާނީ ހިތަދޫގައި އެޅިގެންދާ ދާއިމީ ނަރުދަމާ އާއި ގުޅުވާލެވޭ ގޮތަށެވެ.

ޝަރީފް ވިދާޅުވީ އުއްމީދަކީ އަންނަ ނޮވެމްބަރ މަހުގެ ކުރިން ފެނާއި ނަރުދަމާ އަދި ކަރަންޓްގެ ހިދްމަތް ފްލެޓްތަކަށް ދިނުން ކަމަށެވެ.

ދާދި ފަހުން ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ފްލެޓްތައް އޭގެ ހައްގުވެރިންނާއި ހަވާލު ކުރާނެކަމަށެވެ.