ރައީސް ޔާމީން ދައުލަތުން ގެއްލިފައިވާ ފައިސާ ހޯއްދެވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވުމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރޮޒޭ ވިދާޅުވެފައިވަނީ އަދީބު މަގާމަށް ގެންނެވީ ރައީސް ޔާމީން ކަމަށާއި އޭނާ މަގާމުގައި ހުންނެވިއިރު ދައުލަތުން ފައިސާ ގެއްލިގެން އޮޑިޓާ ޖެނެރަލް އެވާހަކަ ދެންނެވުމުން ރައީސް ވިދާޅުވީ "ނަން އޮޮފް ޔޯ ބިޒްނަސް" ކަމަށާއި ދެން ފެނުނީ އޭނާ މަގާމުން ދުރުކުރި ތަން ކަމަށެވެ.
އެހެންކަމުން މިއަދު ރައީސް ޔާމީން އެމަނިކުފާނުގެ ގެއަށް ވަދެފައިވަނީ ހަލާލު ނޫން ފައިސާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށް ވިދާޅުވުމުން އެވާހަކަ ގަބޫލުނުކުރެއްވޭނެ ކަމަށް ރޮޒޭ ވިދާޅުވެފައިވެއެވެ.
ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވުމަށްފަހު ޖެހިގެން އަންނަ ދުވަހު ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނިތަކުން 1.9 ބިލިއަން ރުފިޔާގެ ފައިސާ ހޯދުމަށް ފޮނުވަނީ ދައުލަތުން ވަގަށް ނެގި ފައިސާ ހޯދުމަށްތޯ ރޮޒެއިނާ ވަނީ ސުވާލު އުފައްދާފައެވެ.
ފޮށި ފޮށީގައި ރައީސް ޔާމީންގެ ގެއަށް ފައިސާ ވެއްދިކަމަށް އެމަނިކުފާނު ވިދާޅުވިނަމަވެސް އިއްޔެ ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓީލިން ޕެރެޑައިސް ރިޕޯޓާ ގުޅިގެން ކަމަށެވެ.