ޔުއެފާ ޗެމްޕިއަންސް ލީގް ޕްލޭ އޮފްގައި ލިވަޕޫލް ރޭ ހޮފެންހެއިމްއާއި ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކޮށް، ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.
ރަށުން ބޭރުގައި ރޭ ކުޅުނު ފުރަތަމަ ލެގު ކާމިޔާބުކޮށްފައިވާއިރު މެޗުގެ ފުރަތަމަ ގޯލު ލިވަޕޫލްގެ ޒުވާން ޑިފެންޑަރު އެލެކްސެންޑަރ އާނޯލްޑް ވަނީ ލިބުނު ހިލޭ ޖެހުމަކުން ގޯލުގެ ތެރެއަށް ވައްދާލާފައެވެ.
މެޗުގެ 35 ވަނަ މިނެޓުގައި އާނޮލްޑު ކާމިޔާބުކުރި ލަނޑާއެކު ލިވަޕޫލް ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ލިވަޕޫލް އިން މެޗުގެ ލީޑު ފުޅާކޮށްފައިވަނީ ހޮފެންހެއިމްގެ ނޯވެއިޓް އަތުން ބައިކޮޅަށް ވަން ގޯލަކާއެކުއެވެ.
ނަމަވެސް ހޮފެންހެއިމް އިން ވަނީ 87 ވަނަ މިނެޓުގައި ލިވަޕޫލް ކޮޅަށް ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. މިލަނޑު ޖަހާފައިވަނީ މާކް އޫތްއެވެ.