މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރުގެ މަގާމު ފުރުއްވަމުން އައި ޑރ. އަޒީމާ އާދަމް މިއަދު އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ގަވަނަރުގެ މަގާމަށް ނީޒާ އިމާދުގެ ނަން ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލިސްއަށް ފޮނުއްވައިފިއެވެ.
ނީޒާ އިމާދަކީ މިހާރު ގެންދަވަނީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމު އަދާކުރައްވަމުންނެވެ. އެމްއެމްއޭގެ ގަވަރު ނަރުކަމުން އމިއަދު އިސްތިއުފާ ދެެއްވައި އަޒީމާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ބޭނުމުގައި ކަމަށެވެ. އަދި ދިރިއުޅުން ފިރިކަލުންނާއެކު ރާއްޖެއިން ބޭރަށް ބަދަލުކުރެއްވުމަށް ގަސްދުކުރައްވާފައިވާ ކަމަށް އަޒީމާ ވިދާޅުވެފައިވެއެވެ.
އަޒީމާ ވަނީ މަރުކަޒީ ބޭންކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައެވެ. ގަވަރުނަރުގެ މަގާމަށް އަޒީމާ އައްޔަން ކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ފަޒީލް ނަޖީބު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.