Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

'ގޭމް އޮފް ތްރޯންސް' ލީކް ކުރި މީހުން ހައްޔަރުކޮށްފި

މަޝްހޫރު ޓީވީ ސީރީސް "ގޭމް އޮފް ތްރޯންސް" ގެ އެޕިސޯޑެއް ރަސްމީކޮށް ދެއްކުމުގެ ކުރިން ލީކް ކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު އިންޑިއާގެ ފުލުހުން ހައްޔަރު ކޮށްފި އެވެ.

އޭގެ ތެރެއިން ތިން މީހުންނަކީ ޕްރައިމް ފޯކަސް ޓެކްނޮލޮޖީގެ މުވައްޒަފުންނެވެ. އަދި ހަތަރު ވަނަ މީހާ އަކީ އެކުންފުނީގައި ކުރިން މަސައްކަތް ކުރި މީހެކެވެ.

ޕްރައިމް ފޯކަސް އަކީ އިންޑިއާގެ ސްޓްރީމް ކުރާ ވެބްސައިޓެއް ކަމަށްވާ "ހޮޓްސްޓަރ" އަށްޓަކައި ސީރީސްތައް ރައްކާކޮށް ޕްރޮސެސްކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ގޭމް އޮފް ތްރޯންސް ލީކް ކުރުމާއި ގުޅިގެން ފުލުހުންނަށް ޝަކުވާ ކޮށްފައެވެ.

ގޭމް އޮފް ތްރޯންސް އަކީ މިހާތަނަށް އެންމެ ގިނައިން ވަގަށް ނަގާފައިވާ ޓީވީ ސީރީސް އެވެ.

އެ ސީރީސްގެ ހަތް ވަނަ ސީޒަންގެ ހަތަރު ވަނަ އެޕިސޯޑް ވަނީ އޭގެ ރަސްމީ ރިލީޒް ޑޭޓްގެ ދުވަސްތަކެއް ކުރިން 4 އޮގަސްޓް ގައި ލީކްކޮށްފައެވެ.

އެޗްބީއޯ އިން އުފައްދާ މި ސީރީސްގެ އެކިއެކި އެޕިސޯޑްތައް ވަނީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ލީކް ކޮށްލާފައެވެ. 'ބޯލާސް' އާއި 'ރޫމް 104' ގެ އެޕިސޯޑްތަކާއި 'ގޭމް އޮފް ތްރޯންސް' ގެ ސްކްރިޕްޓްތައް ހިމެނޭ 1.5 ޖީބީ ގެ ޑޭޓާ ވަގަށް ނަގާފައިވާ ކަމަށް ދާދިފަހުން ހެކްކުރާ މީހުންގެ ގްރޫޕަކުން ވަނީ ބުނެފައެވެ.

'ގޭމް އޮފް ތްރޯންސް' ގެ ހަތަރު ވަނަ އެޕިސޯޑް ލީކް ކުރި ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރު ކުރިކަން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަކްބަރް ޕަތަން ވަނީ އޭއެފްޕީ އަށް ކަށަވަރު ކޮށްދީފައެވެ.

އޭނާ ވިދާޅުވީ ހައްޔަރު ކުރެވުނު މީހުން މި އޮގަސްޓް މަހުގެ 21 ވަނަ ދުވަހާއި ހަމައަށް ބަންދުގައި ބަހައްޓާނެ ކަމަށެވެ.