ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރ ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަޑް) އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމާއި މެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެކަހެރި ކުރި މައްސަލާގައި އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެދުވަހުގެ ޝަރީއަތުގައި އިބްރާހިމް ދީދީވަނީ ދައުވާއަށް އިންކާރު ކުރައްވާފައެެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށް އެެކަހެރިކުރިއިރު މާލޭ އޭރިއާގެ ކޮމާންޑަރަކީ އިބްރާހިމް ދީދީއެވެ. އިބްރާހިމް ދީދީގެ މައްޗަށް މި މައްސަލާގައި 2015 އަހަރު ދައުވާ އުފުލާފައި ފަހުން ވަނީ ދައުވާ އަނބުރާ ގެންގޮސްފައެވެ. އޭގެ ފަހުން އަލުން އަނެއްކާވެސް އިބްރާހިމް ދީގެ މައްސަލަ ޕީޖީން ކޯޓަށް ފޮނުވާފައިވަނީ މިއަހަރުގެ މޭއި 25 ވަނަ ދުވަހުއެވެ.
އިބްރާހިމް ދީދީގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ 10-15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ނުވަތަ އަރުވާލުމުގެ ހުކުމެއް ކުރެވޭނެއެވެ. އެފަދަ ހުކުމެއް އަތުވެއްޖެނަމަ އިބްރާހިމް ދީދީގެ މަޖްލިސް ގޮޑި ގެއްލޭނެއެވެ.