މާލޭގެ ފިހާރައަކާއި ގެއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބަލާ ފާސްކުރި ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފިލްމު ހުސްކުރި ދަޅަކާއި ފިހާރަތެރެއިން ދެކިލޯއާ ކައިރިކުރާ ވަރަށް ހިކި މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ.
މިމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ފުލުހުން ބުނެފައިވަނީ މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 1 ކިލޯ 462 ގުރާމު ހުރި ކަމަށެވެ.
ދާދި ފަހުންވެސް ފުލުހުން ވަނީ މާފުށީ ޖަލަށް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފޯނު އަދި ފޯނު ބެޓެރީފަދަ ތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައެވެ. އެހާދިސާގައި ފުލުހުންގެ އޮފިސަރަކަށް ވަނީ ހަމަލާދީ ޒަޚަމްކޮށްލާފައެވެ.