Last Updated: April 19, 18:52
Friday, April 19, 2024
ޚަބަރު

ސާޓާ އެވޯޑްސް މި ފަހަރު އައްޑޫގައި

ސާޓާގެ ޕާޓުނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭން -- ސަން ފޮޓޯ: ޑިޖިޓަލް ސްޓޫޑިއޯ

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ ސަރަހައްދީ ޓްރެވަލް އެވޯޑު، ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސާޓާ) އެވޯޑް އައްޑޫ ސިޓީ އީކުއޭޓަރ ވިލެޖްގައި ބާއްވަން ނިންމައިފިއެވެ.

ސާޓާ އެވޯޑްސް ޕާޓްނަރުންނާއި އެކު ސޮއި ކުރުމަށް މިއަދު ޗަމްޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މި އިވެންޓްގެ އެކި ޕާޓްނަރުންނާއި އެކު ސޮއިކޮށްފައެވެ. އެގޮތުން މި އެވޯޑްގެ ޕްލެޓިނަމް ޕާޓްނާއަކަށް ހަމަޖައްސާފައިވަނީ އުރީދޫއެވެ.

ގޯލްޑް ޕާޓްނަރަކަށް ހަމަޖެއްސީ ހޯކްސް ޕްރައިވެޓް ލިމިޓެޑެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ހަމަޖެއްސީ މާލޭ އޭރިއޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި އޭޝިއާ ފޯވާޑިން ޕްރައިވެޓް ލިމިޓެޑެވެ. އަދި ސާޓާގެ ޓްރެވަލް ޕާޓްނާއެއްގެ ގޮތުގައި ހަމަޖެއްސީ އެމްވީ ހޮޓެލްސްއެވެ.

ސަރަހައްދީ ފެންވަރުގައި ބާއްވާ މި އެވޯޑުގައި 450 އަށް ވުރެ ގިނަ ފަރާތްތަކުން ނޮމިނޭޓްވާއިރު ސާޓާގެ ރާއްޖޭގެ އިވަލުއޭޝަން މިއަދު ވަނީ ފެށިފައެވެ.

ރާއްޖޭގެ އިވެލުއޭޝަނަށް ފަހު ލަންކާގެ އިވަލުއެޝަން މިމަހުގެ 19 އިން 22 އަށް ކޮލަމްބޯގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދެކުނު އިންޑިއާ އިވެލުއޭޝަން އޮންނާނީ 23 އިން 27 އަށް ބެންގަލޫރުގައެވެ. އަދި ދެކުނު އިންޑިއާ އިވެލުއޭޝަން މިމަހުގެ 27 އިން 29 އަށް ނިއުދިއްލީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ހައިރައިޒުން ބުންޏެވެ.

މި އިވެންޓް މިދިޔަ އަހަރު ބޭއްވީ ލަންކާގެ މައުންޓް ލެވީނިއާ ހޮޓެލްގައެވެ. މިފަހަރު މި އިވެންޓް އީކުއޭޓަރ ހުރަސްކޮށް އައްޑޫ ސިޓީގައި ބޭއްވުމަށް ބަލަން ޖެހޭ ކަންތައް ބެލުމަށް ހައިރައިޒްގެ ޓީމެއް ވަނީ އައްޑޫއަށް ޒިޔާރަތްކޮށް އައްޑޫގެ ފަތުރުވެރިކަމާއި ގުޅުންހުރި ފަރާތްތަކާއި ބައްދަލުކޮށްފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށް އިވެންޓް ބޭއްވުމަށް މަޝްވަރާކޮށްފައެވެ.