ޖުމުހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިރޭ ސަމީރު ރާއްޖެ ޓީވީއަށް އިންޓަވިއުއެއް ދެއްވަމުން ގެންދަވަނިކޮށް ފުރަގަހަށް ބިޑި އަޅުވައިގެން ފުލުހުން އޭނާ ގެންގޮސްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އެނގިފައި ނުވެއެވެ.
ސަމީރުގެ އިންޓަވިއުގައި އެއްވެ އުޅުމުގެ މިނިވަންކަމަށް ފުރުސަތު ދީ ޚިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިނުގަތުމަށް ވަނީ ގޮވާލާފައެވެ. ހުއްދަ ހޯދުމަކާއި ނުލާ ރައްޔިތުންނަށް އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީއިން ލިބިދީފައިވާއިރު މިރޭވެސް އިދިކޮޅު ފަރާތްތަކުން އެއްވެ އަޑުއުފުލަމުންދަނީ ކުށަކާ ނުލާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަދި އިދިކޮޅު ފަރާތްތަކުން ސުލްހަވެރި މުޒާހަރާ ކުރަނީ ގައުމުގެ ރައީސް ޚިޔާނާތްތެރިވެފައިވާ ކަމަށް އިއުތިރާފް ވާތީ ކަމަށްވެސް ސަމީރު ވިދާޅުވެފައިވެއެވެ.