Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އަޒީމާގެ އިސްތިއުފާ އިން ނަޝީދަށް ކަންބޮޑުވުން

މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަރުނަރުކަމުން އިއްޔެ ޑރ. އަޒީމާ އާދަމް އިސްތިއުފާ ދެއްވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީން ކަޅުފައިސާ ގަބޫލުކުރެއްވި ކަމަށް އިއުތިރާފްވުމާއި ވިދިގެން އެމްއެމްއޭގެ ގަވަރުނަރުކަމުން އިސްތިއުފާ ދެއްވުމުން މިނިވަން ތަހުގީގަކަށް އަޒީމާގެ ބަޔާން ދިނުމަށް ގޮވާލާ ކަމަށެވެ.

ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި އެމެރިކާ ޑޮލަރު ބޭނުންކޮށްގެން މަނީ ލޯންޑަރ ކުރުމަކީ އެގައުމުގައި ވަރަށް ބޮޑު ކުށެއް ކަމަށެވެ. އެމްއެމްޕީއާރްސީ ކޮރަޕްޝަނުގައި ރާއްޖެއިން ގިނަ އަދަދެއްގެ ފައިސާ ލޯންޑަރ ކޮށްފައިވާކަން އެމެރިކާގެ އިދާރާތަކަށް އެނގިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ދިރިއުޅުން ރާއްޖެއިން ބޭރަށް ބަދަލުކުރެއްވުމަށް ގަސްދުކުރައްވައި އަޒީމާ އިއްޔެ އެމްއެމްއޭ ގަވަރުނަރު ކަމުން އިސްތިއުފާ ދެއްވާފައިވަނީ ތިން އަހަރުގެ ދައުރު ހަމަވުމުގެ ކުރިންނެވެ.

ރައީސް ޔާމީންގެ ގެއަށް ފައިސާ ވެއްދިކަމަށް އެމަނިކުފާނު އަމިއްލައަށް އިއުތިރާފުވުމުން ގިނަ ބަޔަކު އަންނަނީ އެމައްސަލަ ބެލުމަށް ގޮވާލަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް މައްސަލަ ހުށައަޅާފައެވެ.