ހއ. އިހަވަންދޫގައި ހުންނަ މިފްކޯ އައިސް ޕްލާންޓްގެ މެކޭނިކަކަށް ހުއްޓާ މިދިޔަ ޖޫން މަހުގެ 16 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް މަރާލި އިސްމާއިލް އުމަރު (އިއްސޭ) މަރާލި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.
އިއްސެ މަރާލުމާއި ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ އިރު، އިއްސެ އާއި އެކު ފެކްޓަރީގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ޝުމުން މިއާ ވަނީ އިއްސެ މަރާލިކަމަށް އިއްތިރާފްވެފައެވެ.
މި މައްސަލާގައި އަޑުއެހުމެއް ތާވަލް ކޮށްފައިވަނީ މިއަދު މެންދުރު 1 ޖަހާއިރަށެވެ. މިއަދުގެ އަޑުއެހުމަކީ ޝުމުން މިއާގެ އަޑުއެހުމެކެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާއެވެ. މި މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 10 ވަނަ ދުވަހު ވެސް ކްރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް އެ ޝަރީޢަތުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.