Last Updated: March 29, 02:52
Thursday, March 28, 2024
ރިޕޯޓް

މުއްސަދި ވަނީ ރައްޔިތުންގެ ހަޒާނާތަ، ނޫނީ އަމިއްލަ ޖީބުތަ؟

އިއްޔެ ކުއްލި ސިހުމެއް ލިބުނީ ރައްޔިތުންގެ ހަޒާނާ މުއްސަދި ކުރުމަށް މާލެއިން 19 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން އިއްލާން ކުރި ހަބަރާއިއެކުއެވެ. އޭގެ އިރުތަކެއް ނުވެ ދެން ލިބުނު ހަބަރަކީ ދައުލަތުން އެ ބިން ވިއްކަނީ ރައްޔިތުންގެ ހަޒާނާ މުއްސަދި ކުރުމަށްކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރ ކުރެއްވި ޓްވީޓުންނެވެ.

އަކަ ފޫޓަކަށް 15،000 ރުފިޔާގެ ރޭޓުން މާލެއިން 19 ބިން ވިއްކައިގެން 200 މިލިއަނެއްހާ ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ހައުސިން މިނިސްޓްރީން އިއްޔެ މިވަނީ ބުނެފައެވެ. މިއާއި އެކު އުފެދޭ ސުވާލަކީ ހައުސިން މިނިސްޓަރ އެވިދާޅުވާ ގޮތަށް މި ފައިސާއިން ރައްޔިތުންގެ ހަޒާނާ މުއްސަދިވޭބާވައެވެ.

ރާއްޖޭގެ ރައްޔިތުންގެ ހަޒާނާ މުއްސަދި ކުރުމަށް މި ސަރުކާރު އައި ފަހުން ގިނަ މަސައްކަތެއް ކޮށްފިއެވެ. ހުރިހާ ކަމެއް، ހުރިހާ މަޝްރޫއެއް ހިންގީ ރައްޔިތުންގެ ނަމުގައެވެ. އެސްއީޒެޑާއި އެހެނިހެން މަޝްރޫއުތައް ހިންގަން ކުރި މަސައްކަތުގެ ބިތުފަންގި ނެގެމުންދާއިރު ރައްޔިތުންގެ ހަޒާނާގައި އެކައްޗެއްވެސް ނެތެވެ.

އެމްއެމްޕީއާރްސީ ހަދައިގެން ރައްޔިތުންގެ ހަޒަނާއަށް ވެއްދި ގިނަ ފައިސާ މިވަނީ އަހުމަދު އަދީބާއި ހިސާބުން ވީނުވީއެއް ނެގި ގެއްލިފައެވެ. ދައުލަތުން 1.2 ބިލިއަނަށް ވުރެ ގިނަ ފައިސާ ގެއްލިފައިވާ އިރު މިހާރު އިވެނީ އޭގެތެރެއިން "ނަހަލާލު" ފައިސާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވަން ވާހަކައެވެ.

ރައީސް އަބްދުﷲ ޔާމީން އަމިއްލަފުޅަށް މި ފައިސާގެ ވާހަކަ ދައްކަވުން އަންނަ އިރު މިފައިސާ ދައުލަތުން ހޯދާނެކަމަށް ތަކުރަރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. ރައީސް ވިދާޅުވީ މިފައިސާއިން ހަރަދު ކުރައްވައިގެން "ކޮންމެހެން ހޮވަން" ބޭނުންވި މަޖްލިސް މެމްބަރުންނަށް ހަރަދު ކޮށްފައިވާކަމަށެވެ.

ރައްޔިތުންގެ ހަޒާނާއަށް ވަންނަން ޖެހޭ ފައިސާ ހަޒާނާއަށް ނުވަދެ، އެކި ގޭގެއަށާއި އެކި އެކައުންޓްތަކަށް ވަދެ ރައްޔިތުންގެ ބިންބިމާއި، ފަޅުރައްތައް އަދި ފަޅުތައް މިވަނީ ވިއްކައި، ބަހައި ހުސްކޮށްލާފައެވެ. އޭގެ އެއްވެސް މުވާމަލާތަކުން ރައްޔިތުންނަށްވީ ފައިދާއެއް ނެތެވެ.

ގައުމުގައި ކުރިއަށްގެންދާ ބިޔަ ބޮޑެތި މަޝްރޫއުތަކަކީ މުޅިންވެސް ލޯން އެހީތަކެވެ. ބްރިޖާއި، އެއާޕޯޓް އަދި އައިޖީއެމްއެޗްގެ 25 ބުރި އިމާރާތަކީ ރައްޔިތުން ބޮލުގައި އެޅިފައިވާ ބޮޑެތި ލޯންތަކެވެ. އެ ދައްކަން ޖެހޭނީ ދިވެހި ރައްޔިތުންގެ ގުދާރު ބިންދައިގެންނެވެ. މިއީ ހަގީގަތެވެ.

އާއިލާއެއް ދެ އާއިލާގެ ތާއިދު ކޮޅެއް ހޯދުމަށް "އަނެކަތިކޮޅެއް" ހޯދަން އުޅޭއިރު މިއަނެކަތިކޮޅަކީ ކޮންތާކުން ކިހިނެއް ނެގި އެތިކޮޅެއް ހެއްޔެވެ. ރައްޔިތުންގެ ހަޒާނާއަށް ވަންނަން ޖެހޭ އެކަމަކު އަމިއްލަ ޖީބަށް ވަދެފައިވާ އަނެކަތިކޮޅެކެވެ.

ބިމާއި، ފަޅާއި، ރަށްތައް ވިއްކައިގެން ދިވެހިންގެ ހަޒާނާ މުއްސަދިވުމުގެ ބަދަލުގައި މުއްސަދިވާތަން މިފެންނަނީ އަމިއްލަ ޖީބެވެ. މިއީ މިއަދުގެ ހަގީގަތެވެ.