ސިވިލް ކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި އެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ސިވިލް ކޯޓަށާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން ބޭނުންވާ ކަމަށާއި، ފަނޑިޔާރުންނަށް މުސާރައިގެ ގޮތުގައި 30،000 ރުފިޔާ އާއި ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެ ކަމަށެވެ. މީގެ އިތުރުން ރިސް އެލަވަންސްގެ ގޮތުގައި ސިވިލް ކޯޓްގެ ފަނޑިޔާރުންނަށް 1،650 ލިބޭނެއިރު، ކްރިމިނަލް ކޯޓްގެ ފަނޑިޔާރުންނަށް ލިބޭނީ 3،300 ރުފިޔާ އެވެ. ހަމަ އެއާއިއެކު ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯން އެލަވަންސް އަދި ހެލްތު އިންޝުއަރެންސް ވެސް ފަނޑިޔާރުންނަށް ލިބޭނެ އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތުލުގެ ޝަރުތުތަކަކީ އުމުރުން 25 އަހަރު ވެފައި ވުމާއިއެކު ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މި ދެކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ ހުރިހާ ލިޔުންތަކެއް 10 ސެޕްޓެމްބަރު 2017 ގެ މެންދުރުފަހު 14:00 ގެ ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށައަޅަން ޖެހޭނެއެވެ.