އިދިކޮޅު ފަރާތްތަކުން މިމަހުގެ 3 ވަނަ ދުވަހު ގދ. ތިނަދޫގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި އެރަށު ތައުލިމީ މަރުކަޒުގެ ލީޑިން ދެ ޓީޗަރުން ވަކި ކުރާތީ ސްކޫލްގެ ސީނިއާ މެނޭޖްމަންޓްގެ ހުރިހާ މުވައްޒަފުން އެކީގައި އިސްތިއުފާ ހުށަހަޅައިފިކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ތިނަދޫގައި ހުންނަ "އައްޑޫލައިވް" ރިޕޯޓަރ މައުލޫމާތު ދިން ގޮތުގައި އެސްކޫލްގެ އެކައުންޓް ކިޔަވައިދެމުންދާ ލީޑިން ޓީޗަރު އަހުމަދު އަޝްރަފުއާއި ހިސާބު މާއްދާ ކިޔަވައިދެމުންދާ ލީޑިން ޓީޗަރު ނަސްރުﷲ އަފީފު ވަކި ކުރަން އުޅޭތީ ސްކޫލްގެ ޕީޓީއޭ އާއި ބެލެނިވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.
ބެލެނިވެރިން ބުނަމުން ދަނީ އެ ދެ މީހުން ގާނޫނާއި ގަވާއިދު އެއްވެސް ކަމެއް ނުކުރާކަމަށެވެ. އެގޮތަށް ބެލެނިވެރިން ގޮވަމުންދަނިކޮށް މިހާރު ސްކޫލްގެ ސީނިއާ މެނޭޖްމަންޓް އެއްކޮށް އަޝްރަފް އާއި ނަސްރުގެ ދިފާއުގައި ތެދުވިފައިވާކަމަށެވެ.
"މައުލޫމާތު އެބަލިބޭ ސްކޫލްގެ ސީނިއަރ މެނޭޖްމަންޓް އެކުގައި އިސްތިއުފާ ހުށަހެޅި ވާހަކަ، އެކަމު އަދި އިސްތިއުފާ ގަބޫލް ކުރިކަމެއް ސާފެއް ނޫން"
މިކަމާއި ގުޅިގެން ގދ. ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޝިފާޒު މުޙައްމަދުއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އެފަދަ ސިޓީއެއް ސްކޫލްގެ ޕްރިންސިޕަލަށް އެޑްރެސްކޮށް ލިބިފައިވޭތޯ ނުވަތަ ނޫންތޯ ވަނީ ސާފުވާ ގޮތް ނުވެފައެވެ.