ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮަޕަރޭޝަނެއްގައި މާލޭގެ ގެއަކާއި ފިހާރައެއް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން ހިންގި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރާއި 30 އަހަރުގެ ބަންގްލަދޭޝްގެ ދެ ރައްޔިތުންނެވެ. މިދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ގެއަކާއި ފިހާރައެއް ބަލައިފާސްކޮށް އެދެތަނުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ފެނުމުން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ބަލައިފާސްކުރި ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްެޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާއިރު ފިހާރަ ބަލައިފާސްކުރިއިރު އެފިހާރަ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި ފިލްމު ހުސްކުރި 29 ދަޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. މިތަކެތީގެ ވަގުތީ ބަރުދަނީ 1 ކިލޯ 462 ގްރާމް ހުއްޓެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.