Last Updated: April 24, 11:29
Wednesday, April 24, 2024
ޚަބަރު

ވަގު ފައިސާ އިން ހޮވުނު މެމްބަރަކު ޕީޕީއެމްއަކު ނެތް: އަދުރޭ

ކުރީގެ ނައިބް ރައީސް ހޯއްދެވި ކަރަޕްޝަންގެ އެއްވެސް ފައިސާއަކުން އިންތިހާބްވި އެއްވެސް މަޖްލިސް މެމްބަރަކު ޕީޕީއެމްގައި ނެތްކަމަށް އެޕާޓީން ބުނެފި އެވެ.

މިއަދު ޕީޕީއެމްއިން ބޭއްވި ނޫސް ކޮންފަރެންސްގައި ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެޕާޓީގައި އަދީބް ދައުލަތަށް ހިޔާާނާތްތެރިވެގެން ހޯދި ފައިސާއަކުން އިންތިހާބްވި މެމްބަރަކު ނުހުންނާނެކަމަށެވެ.

އަދުރޭ ވިދާޅުވީ އަދީބްގެ ފައިސާއިން އިންތިހާބްވި މެމްބަރުންނަށް އެބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭ ސަބަބު ވަރަށް ސާފުކޮށް މިހާރު އެނގިވަޑައިގަންނަވާނެކަމަށެވެ. އަދި އަދީބްގެ ކަރަޕްޝަން ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އިސްތަށިފުޅުގައި ނޭޅުވޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތަކަށް އެކިފަރާތްތަކުން ދެއްވި ފައިސާ ބެހެއްޓެވީ އަދީބްގެ އަތުގައި ކަމަށާއި އެފައިސާ ހަރަދު ކުރައްވައިގެން ޕީޕީއެމްގެ މެމްބަރުން ކެމްޕެއިން ކުރެއްވިކަމަށެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައިވާ އިރު މިދިޔަ ހޯމަ ދުވަހުގެ ރޭ "ރުމާލު 2" ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައިސް އަބްދުﷲ ޔާމީން ވިދާޅުވީ އަދީބް ގެންގުޅުއްވި ފައިސާ އަކީ ނަހަލާލު ފައިސާކަން މިހާރު އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެފައިސާގެ ތެރެއިން ބައެއް އެމަނިކުފާންގެ ގެކޮޅަށް ވައްދާފައިވާ ކަމަށެވެ.

ރޭ ސޯޝަލް މީޑިއާގައި އަދުރޭ އާއި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އާއި ދެބޭފުޅުންގެ އޯޑިއޯއެއްކަމަށް ވިދާޅުވެ ލީކް ކޮށްލާފައިވާ އޯޑިއޯ އާއި ގުޅިގެން އަދުރޭ ވިދާޅުވީ އެއީ ކޯއްޗެއްކަން އެނގޭނީ އެހެދި ބަޔަކަށް ކަމަށެވެ. އެ އޯޑިއޯގައި "އެތިކޮޅެއް" ހޯދަން ވާހަކަ ދައްކަވާ އަޑުއިވެއެވެ.