Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ވަކީލަކު ހަމަޖައްސަން އަދީބަށް 10 ދުވަސް

އަދީބު ކޯޓުން ނުކުމެވަޑައިގަންނަވަނީ: - އަހުމަދު ޝުރާއު | އަވަސް

އެމްއެމްޕީއާރްސީ ފައިސާ އާއި ގުޅޭ ގޮތުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އާއި ދެކޮޅަށް ހުށަހެޅި އާ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު އަދީބްއަށް ދީފިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖްލިސްގައި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ މިހާރު އަމަލު ކުރަން ފަށާފައިވާ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ލިބޭކަަމަށެވެ. އަދި މަގްބޫލް އުޒުރެއް މަދެވެރިވެއްޖެނަމަ މުއްދަތު އިތުރުކޮށްދެވިދާނެކަމަށެވެ.

މިއަދުގެ ޝަރިއަތުގެ މަޖްލިސްގައި އަދީބް ހުންނެވީ ވަރަށް ހަމަޖެހިވަޑައިގެން ހިނިތުން ކުރައްވައިގެންނެވެ. ޝަރިއަތުގެ މަޖްލިސް ފެއްޓުމާއި އެކު އަދީބް ވަނީ އެތައް ޝަކުވާތަކެއް ގާޒީއަށް އޮއްސަވާލައްވާފައެވެ. އެގޮތުން އަދީބްގެ ބަލި ހާލަތު ގޮސްކޮށް ހުރި ނަމަވެސް ޝަރީއަތް ކުރައްވަނީތޯ އަދީބް ވަނީ ގާޒީ އާއި ސުވާލު ކުރައްވާފައެވެ.

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލެއްވުމަށް އުޅުއްވި ކަމުގެ ކުށް ސާބިތުވެ 33 އަހަރަށް ޖަލަށް ހުކުމް ކުރައްވާފައިވާ އަދީބް ގެންގުޅުއްވި ފައިސާ އަކީ "ނަހަލާލު" ފައިސާކަން މިހާރު އެނގިވަޑައިގެންފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައެވެ. ރައީސް ޔާމީންވަނީ އަދީބް ނެންގެވި ފައިސާ ހޯއްދަވާނެކަމަށް ވިދާޅުވެފައެވެ.