ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ހަތަރު ހަފްތާއަށް ފަސްކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކޮށް ގިރިފުށީގައި ބެހެއްޓި މައްސަލާގެ ދެވަނަ ޝަރީއަތަށް އިއްޔެ ނަޝީދު ހައްޔަރުކުރުމަށް ފަހު މިއަދު ހަވީރު ބޭއްވި ޝަރީއަތުގައި ނަޝީދުގެ ޝަރީއަތް ހަތަރު ހަފްތާއަށް ފަސްކުރުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ.
ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ސިޓީގައިވަނީ ރިޔާސީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސްކޮށްދިނުމަށެވެ. ޕީޖީ އޮފީހުން ބުނީ ނަޝީދުގެ ފަރާތުން ކޯޓަށް ހުށަހެޅި ސިޓީއެއްގައި އިންތިޚާބު ނިމެންދެން ފަސްކޮށްދިނުމަށާއި ހަތަރު ހަފްތާ އަށް ފަސްކޮށްދިނުމަށް ވެސް އެދިފައިވާ ކަމަށެވެ. އަދި އެ ދެ ގޮތުގެ ތެރެއިން ހަތަރު ހަފްތާ އަށް ފަސްކުރުމާ މެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި އިންތިޚާބު ނިމެންދެން ފަސްކުރުމާ މެދު އިއުތިރާޒެއް ނެތް ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
އިންތިޚާބު ނިމެންދެން ފަސްކުރުމާ މެދު ދެކޭ ގޮތް ސާފުކޮށް ބުނެދިނުމަށް ފަނޑިޔާރުންގެ ބެންޗުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޕީޖީ އޮފީހުން ބުނީ "އިއުތިރާޒެއް ނެތް" ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ޕީޖީން މިގޮތަށް ބުނުމުން ފަސް މިނިޓަށް ޝަރީއަތުގެ މަޖިލިސް މެދުކަނޑާލުމަށް ފަހު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ނަޝީދަކީ ރަސްމީ ގޮތުން ރިޔާސީ ކެންޑިޑޭޓެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައި ނުވާތީ އިންތިޚާބު ނިމެންދެން ޝަރީއަތް ފަސްކުރުމާ މެދު މި ވަގުތު ގޮތެއް ނުނިންމާނެ ކަމަށާއި އަދި ހަތަރު ހަފްތާ އަށް ޝަރީއަތް ފަސްކުރަން ނިންމީ ކަމަށެވެ.
ނަޝީދުގެ ޝަރީއަތުގެ އަޑުއެހުން ނިމުމާ އެކު ނަޝީދު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ. އަދި އެމަނިކުފާނު ދޫކޮށްލުމާއި އެކު އެމަނިކުފާނުގެ ސަޕޯޓަރުންނާއި މަޖިލިސް މެމްބަރުން ވަނީ އުފާފާޅުކޮސްފައެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ ފަރީދީ މަގުގައި ހުންނަ އެފްޑީއައި ކާރިއަށް އެއްވަމުން، އެ ސަރަހައްދުވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފައި. އެ ސަރަހައްދުގައި ރައްޔިތުންގެ މަޖިލިސްގެ ބައެއް މެމްބަރުން ހަރަކާތްތެރި އެބަވޭ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމް ވަނީ އެތެރެއަށް ވަޑައިގެންފައި، ބޯ ވާރޭގައި މީހުން މުޒާހަރާއަށް ނިކުންނަމުން ދަނީ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް ކުރީގެ ރައީސް ނަޝީދު ޖަސްޓިސް ބިލްޑިންގް ގައި ގާއިމް ކުރެވިފައިވާ ހުޅުމާލެ ކޯޓަށް ދެންމެ ހާޒިރުކޮށްފިއެވެ.
ނަޝީދު ޖަސްޓިސް ބިލްޑިންގ އަށް ހަޒިރު ކުރާތީ އެމަނިކުފާނަށް ސަޕޯޓް ކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެސަރަހައްދަށް ޖަމާވެފައިއެވެ. ޖަސްޓިސް ބިލްޑިންގ ސަރަހައްފުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަކޮށްފައިއެވެ. އަދި އެ ސަރަހައްދަށް ނޫސްވެރިންވެސް ވައްދަނީ ވަރަށް ބޮޑަށް ޗެކްކޮށްފައެވެ.

އެމްޑީޕީން ޖަސްޓިސް ބިލްޑިން ސަރަހައްދުގައި މުޒާހަރާ ކުރަމުންދާއިރު ވިއްސާރަވެ ބޯކޮށް ދަނީ ވާރޭ ވެހެމުން ނަމަވެސް މުޒާހަރާގައި ދަނީ ގިނަބަޔަކު ބައިވެރިވަމުންނެވެ.

އަދި ފުލުހުންގެ ބެރިކޭޑް ފަޅާލައި އެ ސަރަހައްދަށް ވަން އަންހެނަކު ދެންމެ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައިއެވެ.

