Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ސިޔާސީ މުވައްޒަފުންގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް

ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މުވައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލު ތަކާއި މިންގަޑުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މިމަހުގެ 14 ވަނަ ދުވަހު ގެޒެޓްގައި ޝާޢިއުކޮށްފައިވާ "ސިޔާސީ މުވައްޒަފުންގެގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" ގައި ވަނީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އާ އުސޫލުގައި ބުނެފައިވާ ގޮތުން ސިޔާސީ މަގާމެއްގައި ހުންނަ ބޭފުޅަކު އެއްވެސް މީހެއްގެ އަބުރަށް ނުވަތަ ޢިއްޒަތަށް އުނިކަމެއް ލިބޭފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. މީގެ އިތުރުން ސިޔާސީ މަގާމެއްގައި ހުންނަ މުވައްޒަފަކު ސަރުކާރުން ނިންމާ ނިންމުންތައް ބަލައިގަނެ އެނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެއެވެ.

ސަރުކާރުގެ އެއްވެސް ނިންމުމަކާއި މެދު ހިޔާލު ތަފާތުވި ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކިވަކި ފަރުދުންގެ ގާތުގައްޔާއި އާންމު ތަންތަނުގައި ނުވަތަ މީޑިއާގައި ވާހަކަދައްކާ ނޫސް މަޖައްލާފަދަ ތަކެއްޗާއި ސޯޝަލް މީޑިއާގައި ނުލިޔުމަށް އަލަށް ޢަމަލު ކުރަން ފެށި އުސޫލުގައި ވަނީ ބުނެފައެވެ.

ސިޔާސީ މުވައްޒަފުންނަކީ، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އައްޔަން ކުރައްވާ މުވައްޒަފުންނެވެ.