Last Updated: March 29, 10:36
Friday, March 29, 2024
ޚަބަރު

ސައުދު މިނިވަންކުރަން ގޮވާލި ޓީޗަރަކު ވަޒީފާއިން ވަކި ކުރަނީ

ގ.ދ ތިނަދޫ ރައްޔިތުން އެއްވެ މުޒާހަރާ ކުރަނީ - ފޮޓޯ މިހާރު

ފުލުހުންގެ ބަންދުގައި ހުންނެވި ގއ.ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން މިނިވަން ކުރުމަށް ގޮވާލައި ބޭއްވި ހިނގާލުމެއްގައި ބައިވެރިވި ޓީޗަރަކު ވަޒީފާއިން ވަކި ކުރަން ނިންމައިފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފައިން ވަކި ކުރަން ނިންމާފައި ވަނީ ގއ.އަތޮޅު ތައުލީމީ މަރުކަޒުގައި ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ގެންދާ ޝަޒުމީނާ ސިޔާމެވެ.

ޝަޒުމީނާ ވަޒީފާއިން ވަކި ކުރަން ނިންމާފައިވަނީ ދައުލަތުން ބަންދުކޮށްފައިވާ މީހަކު ދޫކޮށްލުމަށް ގޮވާލައި ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައިވާތީ އެއީ ސިވިލް ސާވިސް ގަވާއިދުން ކުށަކަށްވާތީ ކަމަށް ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަޒުމީނާ އަކީ މެންބަރު ސައުދުގެ އަނބިކަނބަލުންގެ އެއްބަފާ މީހެކެވެ.

ސައުދު ހައްޔަރު ކުރުމާއި ގުޅިގެން ވިލިނގިލީގައި ސައުދު މިނިވަން ކުރުމަށް ގޮވާލާ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.