ވެނެޒުއޭލާގެ ރައީސް ހޫގޯ ޗާވޭޒް އަވަހާރަވުމާ ގުޅިގެން، ވެނެޒުއޭލާގެ ވަގުތީ ރައީސް ނިކޮލަސް މަޑޫރޯ އަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މިއަދު ތަޢުޒިޔާ ވިދާޅުވެއްޖެ އެވެ.
ވެނެޒުއޭލާގެ ވަގުތީ ރައީސަށް ރައީސް ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، އެޤައުމުގެ ރައީސް އަވަހާރަވި ޚަބަރު އެއްސެވީ، ފުން ހިތާމަ އާ އެކުގައި ކަމަށް ވިދާޅުވެފައިވެ އެވެ. އަދި 1999 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ރައީސް ޗާވޭޒްއަކީ ވެނެޒުއޭލާ އަށް އަގު ހުރި ޚިދްމަތްތަކެއް ކޮށް ދެއްވި، އަދި ޚާއްޞަ ގޮތެއްގައި، އިޖްތިމާޢީ ތަރައްޤީއާއި، ފަޤީރުކަން ނައްތާލުމަށާއި، އިންސާނީ ޙައްޤުތަކުގެ އުޞޫލުތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއް ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެ އެވެ.
ރައީސް ފޮނުއްވި މެސެޖްގައި، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ވެނެޒުއޭލާގެ ވަގުތީ ރައީސަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާފައި ވެ އެވެ. އަދި ރައީސް ހޫގޯ ޗަވޭޒްގެ ޢާއިލާގެ ބޭފުޅުންނަށް ރައީސް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކޮށް ދެއްވުމަށް ވެސް އެދިވަޑައިގެންފައި ވެ އެވެ.
ޗަވޭޒް، 59، އަވަހާރަވަޑައިގެންފައި ވަނީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައި ވަނިކޮށެވެ.