Last Updated: April 23, 20:04
Tuesday, April 23, 2024
ޚަބަރު

އިބްރާހިމްދީގެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާ ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރު، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދުދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ގެންދަން ކޯޓުން ނިންމައިފިއެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭ އޭރިޔާގެ ކޮމާންޑަރުގެ މަގާމުގައި ހުންނެވި ޖެނެރަލް ދީދީގެ މައްޗަށް އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރުކުރި މައްސަލާގައި އުފުލާފައިވާ ދައުވާ ކުރިއަށް ގެންދިއުމާއި ބެހޭގޮތުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ އާދަމް ވަނީ ދެފަރާތުގެ ވަކީލުންގެ ދެއްކެވި ވާހަކަތަކަށާއި ހުށައެޅި ހެކީގެ މައްޗަށް ބިނާކޮށް މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައެވެ.

ނަމަވެސް ބްރިގޭޑިއާ ދީދީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އިންކާރުކޮށްފައެވެ. އިބްރާހިމްދީގެ ވަކީލު ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން މިމައްސަލައާ ގުޅިގެން އިބްރާހިމްދީ އެއްވެސް ފަރާތަކަށް ގާޒީ އެކަހެރިކޮށް ހައްޔަރުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ހެކި ހުށައަޅާފައިނުވާ ކަން ފާހަގަކޮށްފައެވެ.

އަދި އޭރުގެ ކޮމާންޑާރ އިން ޗީފް، ރައީސް ނަޝީދުވެސް އިސް ގާޒީ ހައްުޔަރުކުރުމަށް އަމުރުކުރި ކަމަށް ބާރުލިބިދޭ ހެއްކެއް ނުވާކަން އިބްރާހިމްދީގެ ވަކީލު ވަނީ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކޮށްފައެވެ. އަދި އޭރު ސިފައިންގެ އިސްވެރިންނާއެކު ޗީފް އޮފް ޑިފެންސް ފޯސް، މޫސާ އަލީ ޖަލީލާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ވަނީ ބައްދަލުވުމެއް ބާއްވާފައި ކަމަށާއި އެބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކޮށް އެކަހެރިކުރުމާއި މެދު މަޝްވަރާކުރި ކަމަށެވެ.

އަދި އެބައްދަލުވުމުގައި ގާޒީ ހައްޔަރުކުރުމަށް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލް ފިޔަވައި އެހެން ހުރިހާ ބޭފުޅުން ދެކޮޅު ހެއްދެވިކަމަށާއި އެހެން ބޭފުޅުން އެކަމުން ބަރީއަވެގެން ތިބިކަމަށް ދީދީގެ ވަކީލު ވަނީ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ.

ދައުލަތުން ރައްދު ދެއްވަމުން އަބްދުﷲ ގާޒީ ހައްޔަރުކުރި އޮޕަރޭޝަނުގައި މާލޭ އޭރިޔާ ކޮމާންޑަރަކަށް ހުންނެވީ އިބްރާހިމްދީ ކަމަށް ވިދާޅުވެ އެމައްސަލައިގެ ޒިންމާ ކޮމާންޑަރުގެ ހައިސިއްޔަތުން އިބްރާހިމްދީ ނަންގަވަން ޖެހޭނެކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކާފައިވެއެވެ.

ދިފާއީ ހެއްކާއި ލިޔެކިޔުންތައް ހުށައެޅުމަށް އިބްރާހިމްދީއަށް ޝަރީއަތުން ވަނީ ތިން ދުވަހުގެ މުހުލަތެއް އަރުވާފައެވެ. މިމައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ނިންމަވާފައެވެ.