Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

ފިލްމު ނިމެނީ އެވެ. ވަތެލިކެހުން ވެސް ދެން ލަހެއް ނުވެ ނިމިދާނެ އެވެ.

ދިވެހިބަހުން ވަތެލި ކިޔައިއުޅެނީ އޮޑިދޯނިފަހަރުގައި ކުނބު ނަގާފައި ހުންނައިރު އޭގެ ފޫ އެއްވެސް ކޮޅަކަށް ނުގުޑާނޭހެން ހަރުކުރާ ލަކުޑިގަނޑަކަށެވެ. އިހުގެ ބަނޑު އޮޑިފަހަރާއި ބަނގަލާ ބޯޓުފަހަރުގައި ކުނބުހަރުކޮށް އުޅުނީވެސް ވަތެލީގައެވެ. މަޖާޒީ ގޮތުން ވަތެލިކެހުމަކީ ވައްކަންކުރުމެވެ. މިބަސް ގިނައިން ބޭނުންކުރަނީ އައްޑޫގައެވެ. ޒަމާން ބަދަލުވަމުންއައިސް ގިނަ މީހުން މިހާރު ކިޔައިއުޅެނީ ވަތެލިކީހުމެވެ. ކިޔުމުގައި ކުޑަބަދަލެއް އަޔަސް ބަހުގެ އަސްލު އެކައްޗެކެވެ. މާނަ އެކައްޗެކެވެ. އަސްލަކީ ވަތެލިކެހުމެވެ. އެއީ ވައްކަންކުރުމެވެ. އޮޅުވައިލުމެވެ. މަކަރުހެދުމެވެ. ދޮގުހެދުމެވެ.

މިބަސް ބޭނުން ކުރާން ފެށިފައިއޮތީ އިހުޒަމާނުގައި ހިނގި ހާދިސާޔަކާ ގުޅުވައިގެންނެވެ. އިހު ބަންގާޅަށް ދަތުރުކޮށް އުޅުނު ބަނގަލާފަހަރުގެ ތެރެއިން އެއްޗެއް މާލެއަައިސް މުދާ ބާލައި ހުސްނުކުރެވެނީސް ކޮންމެވެސް މަޝްހޫރު މީހަކު އެޔަށް އަރައި ވައްކަންކުރާން އުޅެނިކޮށް ހިފުނީއެވެ. ފަޅުވެރީން އަންނަތަން ފެނުނީމާ ކުނބުވަތަށް ފައިބައި ފިލާ އޮއްވައި ފެނިއްޖެއެވެ. ދެން އެވެރީން ބަލަބަލަ ކަލޭގެ ތިޔަކުރަނީ ކިޔެއްހޭ ކިޔައި ސުވާލުކޮށްގަތީމާ ބުނިކަމަށްވަނީ މިބަނގަލާގެ ކުނބު ރަނގަޅަށް ހަރުނުލާހެން ހީވާތީ ވަތެލިކަހައިލަނީ ކަމުގައެވެ. މިހެންކިޔައި ސަލާމަތްވާން އުޅެގަތީމާ މިބަސް މިގޮތަށް ހަރުވެ އާއްމުވީއެވެ.

މަސައްކަތެއް ހަވާލުކުރީމާ މަކަރާއި ހީލަތްހަދައި އެމަސައްކަތަކުން ނާޖާއިޒު ފައިދާ ނެގުމަކީވެސް ވަތެލިކެހުމެވެ. ވަރަށް އިޚުލާސްތެރިކަމަށް ހެދިގެންހުރެ އަމިއްލަ ޖީބަށް ބަރުވާގޮތަށް ނޫނީ ހަމައެއްކަމެއް ނުކުރުމަކީވެސް ވަތެލިކެހުމެވެ. އަމިއްލަފަރުދަކު ކުރިޔަސް އަދި ޖަމާއަތަކުން ކުރިޔަސް އިޚުލާސްތެރިކަމެއްނެތި މަކަރާއި ހީލަތުގެ އަމަލުތަކެއް ހިމަނައިގެން ކުރަނީވިއްޔާ އެއީ ވަތެލިކެހުމެވެ. ފަރުދާގެ ފުރަގަހުގައި ނުބައިވެގެންވާހައި ކަމެއްކޮށްފައި މަތިއޮމާންކޮށް ނަލަކުރުމަށް ވާހަކަ ދެއްކުމަކީވެސް ވަތެލިކެހުމެވެ. ވައްކަންކުރާން ހުއްޓައި ހިފުނީމާ ދެން އޮޅުވައިލުމަށް ކުރާ ކޮންމެ ކަމަކާއި ދައްކާ ކޮންމެ ވާހަކަޔަކީވެސް ވަތެލިކެހުމެވެ.

ރާއްޖެއިން މިހާރު ފެންނަމުން މިދަނީ ވަރަށް ބިރުވެރި ފިލްމެކެވެ. އިންޑިޔާގެ ޝޯލޭ ޒާތުގެ ފިލްމެކެވެ. ގޮތްދޫނުކުރުމާއި އަނިޔާވެރިކަން ކުރިޔަށް ނެރޭ ގައްބަރު ސިންގެއްވެސް އެބައުޅެއެވެ. އިނގިރޭސީންގެ ޒަމާނުގައި ތަމްރީނުވެފައި ހުރި މާވަރުގަދަ ޖެއިލަރަކުވެސް އެބައުޅެއެވެ. ދެއަތް ބުރިކޮށްލީމާވެސް ހިތްވަރުކޮށް އިންސާފު ހޯދުމަށް ބުރަކޮށް މަސައްކަތްކުރާ ޓާކުރަކުވެސް އެބައުޅެއެވެ. އަނގަގަދަކަމުން އެހެން މީހުންނަށް ނުކުޅަދާނަޔަކަށްވާ ބަސަންތީއެއްވެސް އެބައުޅެއެވެ. ޖެހިލުންކުޑަކަމާއި ވަރުގަދަކަމުގައި މިސާލު ދައްކާ ވީރޫއެއްވެސް އެބައުޅެއެވެ. މިވެސް ޝޯލޭއެކެވެ. ހުރިހާ ޓީވީތަކުންވެސް ދައްކަނީ މިފިލްމެވެ. އެންމެންވެސް މިތިބެނީ ދެން ވާނެ އެއްޗެއްގެ އިންތިޒާރުގައެވެ.

އިހު އަހުރެމެން ދުށް ޝޯލޭގައި ގައްބަރު ސިންގުގެ އަނިޔާވެރިކަން ނިންމައިލުމަށް ނުކުންނަނީ ދެމީހެކެވެ. ދެން މިކަމާ އަޖައިބުވެގެން ގޭންގު ކުދިން ކައިރިން އޭނާ އަހައެވެ. ކިތުނޭ އާދަމީ ތޭ، ކިތައްމީހުން ހެއްޔެވެ. އެމީހުންގެ ތެރެއިން ކާލިޔާ ބުންޏެވެ. ދެމީހުންނެވެ. ދެން ސަރުދާރު ގައްބަރު ސިންގް އަނެއްކާވެސް ސުވާލުކުރެއެވެ. ދޯ އާދަމީ ތޭ، އެންމެ ދެމީހުން ހެއްޔެވެ. މިހާރު މިފެންނަ ފިލްމުގައި ގައްބަރުގެ ބާރު ކަނޑުވައިލަން ނުކުތީ ހަތަރު މީހުންނެވެ. ދެން އޮޅީގެ ކުދީން ކުރެން ގައްބަރު އަހައިފިއެވެ. ކިތުނޭ އާދަމީ ތޭ، ކިތައްމީހުން ހެއްޔެވެ. އެކުދީން ބުނެތްޕެވެ. ހަތަރު މީހުންނެވެ. ގައްބަރު ބުންޏެވެ. ޗާރު އާދަމީ ތޭ، ހަމަހަތަރު މީހުން ހެއްޔެވެ. މިހަތަރު މީހުންގެ ތެރެއިން ދެމީހުން މިހާރު ހިފައި ހައްޔަރުކޮށް ޗޭނުޖަހައިފިއެވެ. ދެން ބާކީތިބީ ދެމީހުންނެވެ. އެތަނުން އެކެއްގެ ދެއަތްވެސް ބުރިކޮށްފިއެވެ. އެކަމަކު ހިތްވަރަށް ކުޑަ ބަދަލެއްވެސް ނާދެއެވެ. ޝޯލޭގައި ޓާކުރުގެ ފަރާތުންވެސް ފެނުނީ އެހިތްވަރެވެ.

ރާއްޖޭގައި ދައްކަމުންދާ ފިލްމު ގޮސްފައިވަނީ މިހާރު މިހިސާބަށެވެ. މައިދާނުން ފެންނާންތިބީ ދެމީހުންނެވެ. ދެން އެދަނީ ފަހު ތަޅައިލުމާ ހަމަޔަށެވެ. މިޒާތުގެ ކޮންމެ ފިލްމެއްވެސް ނިމެނީ ފަހު ތަޅައިލުމުގައި ގައްބަރުމެން ބަލިވެގެންނެވެ. ގައްބަރުމެން މޮޅުވެގެން ދުވަހަކުވެސް ފިލްމެއް ނުނިމެއެވެ. އެހެން ނިމޭ ފިލްމެއް ބޮކްސްއޮފީހުގައި ހިޓެއް ނުވާނެއެވެ. ވާނީ ފްލޮޕެވެ. އެހެންވީމާ ރާއްޖޭގައި މިދައްކާ ފިލްމުވެސް ނިމޭނީ ގައްބަރު ބަލިވެގެންނެވެ. މައިދާނުގައި މިހާރު އެތިބި ދެމީހުންގެ ތެރެއިން އެކަކު ފަހަރުގައި ގައްބަރުގެ އަތްދަށުވެ ހަލާކުވެގެން ހިނގައިދާނެއެވެ. އެހެންވިޔަސް ގައްބަރު ބަލިވެގެން ނޫނީ މިފިލްމެއް ނުނިމޭނެއެވެ. އެއީ ކަށަވަރުކަމެކެވެ.

ރާއްޖޭގައި ދައްކަމުންމިދާ ފިލްމުގެ ޕްލޮޓު އޮތީ ވަތެލިކެހުމުގެ މައްޗަށެވެ. ޑައިލޮގުގައިވެސް މުޅީން ވަތެލިކެހުމެވެ. އެނޫންއެއްޗެއް ނެތެވެ. މިއީ ސާސްކަފުގެ ބޮޑު ވަތެލިކެހުމެވެ. އެހެންވީމާ ދިވެހީންގެ ގިނަބަޔަކު ތިބީ ފިލްމުގެ ބިރުވެރިކަން ބޮޑުކަމުން އަވަހަށް ނިންމާލަން ބޭނުންވެގެންނެވެ. ގައްބަރުގެ ކަންތައް ހުރިގޮތް ފެނިފައި ގިނަބަޔަކު މިހާރުވެސް ދެންހެވޭ ކިޔާން ފަށައިފިއެވެ. އިންޓޯލުވުމުގެ ކުރީންވެސް ފިލްމު ނިމިއްޖެނަމަ ރަނގަޅޭ ބުނި މީހުން ތިއްބެވެ. މިހާރު ފިލްމު ދަމަހައްޓަނީ ފިލްމުގެ ކުރޫންނެވެ. ދެން ފިލްމަށް ހަމަޖެހިފައިވާ ވަގުތުވެސް މިޖެހެނީއެވެ. އެހެންވީމާ ނުނިމި ދެން ލަހެއް ނުވާނެއެވެ. ދެން އޮތީ ކުޑަކުޑަ އިންތިޒާރެކެވެ. ފިލްމުވެސް މިނިމެނީއެވެ. ވަތެލިކެހުންވެސް ދެން ދާދިއަވަހަށް ނިމިދާނެއެވެ. ގައްބަރުއާހެދި ނުނިދިފައިތިބި މީހުން ނިދާންވެސް ފަށައިފާނެއެވެ.