Last Updated: June 20, 07:32
Saturday, June 20, 2026
ކުޅިވަރު

ޔޫރޮޕާ ޕްލޭ އޮފްގައި މިލާން ވިދާލައިފި

ޔުއެފާ ޔޫރޮޕާ ލީގު ޕްލޭ އޮފް މެޗުތައް ކުޅެމުންދާއިރު ރޭ އިޓަލީގެ އޭސީ މިލާން އަދި މެސެޑޯނިއާގެ ޝެކެންޖާ ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 0-6 އިން މިލާން ކާމިޔާބުކޮށްފިއެވެ.

މިސީޒަނުގައި ބޮޑެތި ޚަރަދުތަކެއް ކޮށް ގިނަ ކުޅުންތެރިން ސްކޮޑަށް ގެނެސް ޓީމު ވަރުގަދަކޮށްފައިވާ މިލާން ވަނީ މެޗުގެ ފުރަތަމަ ހާފުގައިވެސް ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

ޓީމާއި އަލަށް ގުޅުނު އަންދްރޭ ސިލްވާ ވަނީ ފުރަތަމަ ހާފުގައި ދެލަނޑު ޖަހައި ފޭނުންގެ ހިތް އަތުލާފައެވެ. ރިކާޑޯ މޮންޓޮލީވޯވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފުގެ ލަނޑުތައް ޖަހާފައިވަނީ ބޮނަވެންޓޫރާ، ބޮރީނީ އަދި ލޫކާ އެންޓޮނެލީއެވެ. ރޭގެ މެޗަކީ މިލާންގެ ދިގު ތާރީޚުގައި ޔޫރޮޕިއަން ފުޓުބޯޅައިގެ ދެވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ރެއެވެ. ޗެމްޕިއަންސް ލީގު 7 ފަހަރު ކާމިޔާބުކޮށް ޔޫރޮޕުގެ ދެވަނައަށް އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް އޭސީ މިލާން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ފަހަތަށް ވެއްޓިފައެވެ.

ރޭ ޔޫރޮޕާ ޕްލޭ އޮފްގައި އެވަޓަން ހަޛޫކް ސްޕްލިޓް ބައްދަލުކުރި މެޗު އެވަޓަން ވަނީ 0-2 އިން ކާމިޔާބުކޮށްފައެވެ.