Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

"މާލޭން ބިން ވިއްކަނީ މުސާރަ ނުދެވިގެން"

ވެރިރަށް މާލެ އިން 19 ބިމެއް ވިއްކުމަށް ސަރުކާރުން އުޅެނީ މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާ ބަޖެޓުގައި ނެތިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ތަފާތު އެކި ބޭނުންތަކަށް ބޮޑެތި ލޯނުތައް ނެގުމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދު އިނދަޖެހިފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާ އެއްގެ ގޮތުން ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދެވޭނެ ފައިސާ ދައުލަތުގައި ބަޖެޓުގައި ނެތް ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ޝައްކު އުފެދޭ އުސޫލުތަކުގެ ތެރެއިން އަދި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވިއްކޭ ހުރިހާ ބިމެއްގެ މުޢާމަލާތްތަކަކީ ބާޠިލް ނިންމުންތަކެއް ކަމަށާއި ސަރުކާރު ބަދަލުވުމާއެކު އެފަދަ ބިންތައް އަނބުރާ ރައްޔިތުންނަށް ލިބިދެވޭނެ ކަމަށެވެ.

މާލެ އިން ބިން ވިއްކުމުގެ މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒު ވެފައި ވާއިރު، ދާދި ފަހުން ހައުސިންގް މިނިސްޓަރު ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައި ވަނީ މާލެއިން ބިން ވިއްކަން ހުޅުވާލީ ރައްޔިތުންގެ ޚަޒާނާ މުއްސަނދިކުރުމަށްކަމަށެވެ.