ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ބަންދުކޮށްފައި ހުންނެވި ގޮތާއި މެދު މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ކީރިތި ޤުރުއާނުން ޕީއެޗްޑީ ޙާސިލް ކުރައްވައިގެން ހުންނެވި ޑރ. ޢިޔާޒްގެ ފޭސްބުކް ޕޭޖްގައި ވަނީ ޝެއިޚް އިމްރާން އާއި މެދު ޢަމަލުކުރެވެމުން ދަނީ އަނިޔާވެރިކަމާއި އެކު ކަން ފާހަގަ ކުރައްވައި އެބޭފުޅާ މިނިވަންވޭތޯ ދުޢާ ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.
ޑރ.އިޔާޒު ވިދާޅުވެފައިވާ ގޮތުގައި ޖަލުގައި އިމްރާން މިހާރު ބަހައްޓާފައި ހުންނެވީ ވަރަށް އަނިޔާވެރިކޮށް ކަމުގެ މައުލޫމާތު އެބޭފުޅާ އަށް ވަނީ ލިބިވަޑައިގެންފައެވެ. އެގޮތުން ނިދުމަށާއި ފާހާނާ ކުރުމަށާއި ނަމާދު ކުރުމަށް ވެސް ދަތިވާ ގޮތަށް އިމްރާން ހުންނެވި ގޮޅީގެ ކަންކަން ހުރިކަން ޑރ.އިޔާޒް ވަނީ ފާހަގަކުރައްވާފައެވެ.
ޝެއިޚް އިމްރާން ޖަލުގައި ބަންދުކޮށްފައި ހުރި ގޮޅީގެ ކަންތައް ހުރި ގޮތުން އެބޭފުޅާގެ ޙާލު އިންތިހާޔަށް ދަށަށް ދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޑރ. އިޔާޒު ވިދާޅުވީ، ޝައިޚް އިމްރާން އަބުދުﷲ ޖަލަށްލާފައިވަނީ ރައްޔިތުންގެ ހައްގުގައި އަނިޔާވެރިއެއްގެ ކުރިމަތީގައި ހައްގު ބަސް ބުނުމުން ކަމަށެވެ.
އިމްރާން މިހާރު އެ ހުންނެވި ހާލަތަކީ މާދަމާ ކޮންމެ މީހަކުވެސް ހުންނަން ޖެހިދާނެ ހާލަތެއް ކަމަށާއި، އެހެންކަމުން އަނިޔާވެރިންގެ އަތްދަށުން އިމްރާން މިނިވަން ވޭތޯ ދުއާކުރުމަށް ޑރ.އިޔާޒު ވަނީ ގޮވާލައްވާފައެވެ.
އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ "މޭޑޭ" މުޒާހަރާގައި ދެއްކެވި ވާހަކަފުޅަކީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ވާހަކަފުޅެއް ކަމަށް ބުނެއެވެ. އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 12 އަހަރަށް ޝެއިޚް އިމްރާން ޖަލަށް ލުމަށް ހުކުމްކުރި ޝަރީޢާތް ކުރިއަށް ގެންދިޔައީ ޝަރުޢީ ނިޒާމުގެ އުސޫލުތަކާޢި ޚިލާފަށް ބޭއިންސާފުން ކަމަށް ގިނަ ބަޔަކު ގެންދަނީ ބުނަމުންނެވެ.
ޝެއިޚް އިމްރާން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރު މާޗް މަހުގެ 16 ވަނަ ދުވަހުއެވެ.