Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ރޭޕްކޮށްގެން ބަލިވެއިން 10 އަހަރުގެ ކުއްޖާ ވިހައިފި

އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވެ، އެކަމުގެ ސަބަބުން ބަނޑުބޮޑުވި އުމުރުން 10 އަހަރުގެ ކުއްޖަކު، އަންހެން ކުއްޖަކު ވިހައިފި އެވެ.

އެކުއްޖާ ބަނޑުބޮޑުވުމުން، ދަރިފުޅު އެބޯޓް ކުރުމަށް ހުއްދަ ހޯދުމަށް އިންޑިއާގެ ސުޕްރީމް ކޯޓަށް މިދިޔަ މަހު ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން ވަނީ އެކަމަށް ހުއްދަ ނުދީފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި 10 އަހަރުގެ އެ އަންހެން ކުއްޖާއަށް އޭނާ ބަނޑުބޮޑު ކަމެއް ނޭނގެއެވެ. އެކުއްޖާ ގާތު ބުނެފައި އޮތީ އެކުއްޖާގެ ބަނޑު ބޮޑުވަމުން ދަނީ ބަނޑުގައި ބޮޑު ހިލައެއް އޮތުމުގެ ސަބަބުން ކަމަށެވެ.

އެ 10 އަހަރުގެ އަންހެން ކުއްޖާ ވަނީ އިއްޔެގެ ވަގުތެއްގައި ޗަންދީގަރްގައި ސިޒޭރިއަން ހަދައި 2.5 ކިލޯގްރާމް ގެ ކުއްޖަކު ވިހާފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ކުއްޖާ އާއި މަންމަގެ ހާލު ވެސް ރަނގަޅެވެ.

އެ ކުއްޖާ ވަނީ އޭނާގެ ބޮޑުބޭބެ އެއް އެތައް ފަހަރެއްގެ މަތިން އޭނާ ރޭޕް ކުރި ކަމަށް ފުލުހުން ކައިރީ ބުނެފައެވެ. އެ ބޮޑުބޭބެ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެކުއްޖާ ބަނޑުބޮޑުކަން އެނގުނީ މިދިޔަ ޖުލައި މަހުގެ މެދުތެރޭގައި ބަނޑުގައި ރިއްސާ ވާހަކަ ބުނުމުން، އެކުއްޖާގެ މައިންބަފައިން އޭނާ ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

ޗަންދީގަރްގެ ކޯޓުން އެ އަންހެން ކުއްޖާގެ ބަނޑުގައިވި ދަރިފުޅު އެބޯޓް ކުރަން ހުއްދަ ނުދިނީ ބަނޑަށް މާ ދުވަސްވެފައިވާތީ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން، އެ ކޯޓުން ވެސް ވަނީ ހަމަ އެ އުޒުރާއި އެކު އެބޯޓް ކުރަން ހުއްދަ ނުދީފައެވެ.

10 އަހަރުގެ ކުއްޖާގެ މައިންބަފައިން ވަނީ އެމީހުންގެ ކާފަދަރިފުޅު ބަލަން ބޭނުން ނޫން ވާހަކަ މާ ކުރިންވެސް ބުނެފައެވެ. ހަމަ އެއާއި އެއްގޮތަށް އެމީހުން އެ ތުއްތު ކުއްޖާގެ މޫނު ވެސް ނުދެކެއެވެ.

އެހެންކަމުން، 10 އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލުމުން ދެން އެ ކުއްޖާ ބަލާނީ ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތް ކުރާ ކޮމިޓީންނެވެ. އެއަށްފަހު އެ ކުއްޖާ އެޑޮޕްޝަނަށް ލެވޭނެއެވެ.