މަލްޓިގްރޭޑް އުސޫލަށް ކިޔަވައި ދިނުން މުޅި ރާއްޖެ އަށް ތަޢާރަފްކޮށްފި އެވެ.
މަލްޓިގްރޭޑް ޓީޗިން އަކީ އެއްގްރޭޑަކަށް ވުރެ ގިނަ ގްރޭޑްތަކަށް އެކީގައި، އެއް ކްލާސްރޫމެއްގެ ތެރޭގައި ކިޔަވައިދިނުމެވެ. އެގޮތުން އިއްޔެ މ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވަނީ މަލްޓިގްރޭޑް ޓީޗިން ތަޢާރަފްކޮށް ދެއްވާފައެވެ.
މިވަގުތު ރާއްޖޭގައި އާބާދީ މަދު 44 ސްކޫލެއްގައި އެ އުސޫލަށް ކިޔަވައިދޭން ވަނީ ފަށާފައެވެ. އެ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ޓީވީ އާއި ތިއޭޓާ ސިސްޓަމް އަދި ކްލާސްރޫޕް ސެޓަޕްތައް ވެސް ވަނީ ޤާއިމްކޮށްފައެވެ.
ރާއްޖޭގައި މި އުސޫލަށް ކިޔަވައިދޭން ފެށުމުގެ ގޮތުން، މީގެ ކުރިން ވަނީ މަލްޓިގްރޭޑް އުސޫލުން ކިޔަވައިދޭން ސްކޫލްތަކުގެ މުދައްރިސުން ވެސް ތަމްރީންކޮށްފައެވެ. މީގެ އިތުރުން ސްކޫލްތަކުގެ އިސްވެރިން ވެސް މަލްޓިގްރޭޑް ޓީޗިން އަށް އަހުލުވެރި ކުރުމުގެ ގޮތުން މަސައްކަތު ބައްދަލުވުންތަކެއް ވެސް ވަނީ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި ރާއްޖޭގެ ސްކޫލްތަކަށް މަލްޓިގްރޭޑް ޓީޗިން ތަޢާރަފް ކުރުމުގެ މައިގަނޑު މަޤްސަދަކީ އާބާދީ މަދު ސްކޫލްތަކުގައި އިދާރީ ތަރުތީބުތައް ހަމަޖެއްސުމުގައި ދިމާވާ ދަތިތައް ހައްލުކޮށް، ޤާބިލް މުދައްރިސުން މަދުވުމުން ލިބޭ އުނިކަން ކުޑަކުރުމުގެ އިތުރުން ދަރިވަރުންގެ އިޖްތިމާއީ ހުނަރު ތަރައްޤީކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު ދިރުވާ އާލާކުރުމެވެ.