Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

ތިޔައީ ހަނު އެނބުރުމެވެ. ތަރައްގީއެއް ނޫނެވެ.

ތިން ރުއް ޕާކުގައި ސުނާމީ ިބނާ ބަހައްޓާފައި. އަވަސް ފޮޓޯ

އޮގަސްޓް ބާރަ ތޭރައޭ ކިޔުނު ބޮޑު ޖަގަޑާގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް އަލަށް ދަސްވި ބަހެއް އޮވެއެވެ. އެއީ ހަނުއެނބުރުމެވެ. މިބަސް ދަސްވީ ޖުމްހޫރީ މައިދާނުގައި ސަންދާނު އަހަންމައިދީ ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންނެވެ. އެދުވަސްވަރު ސަރުކާރުގެ ނިންމުންތަކާއި ސަރުކާރުގެ ސިޔާސަތު އޭނާ ސިފަކުރެއްވީ ހަނުއެނބުރުމެއްގެ ގޮތުގައެވެ. އޮގަސްޓް ތޭރަޔަކީ ރާއްޖޭގެ ތާރީޚުގައި ލިޔެވިފައިވާ މަޝްހޫރު ކަޅު ހުކުރެވެ. އެއީ 2004 ވަނަ އަހަރެވެ. ޑިމޮކްރަސީގެ ބިންގާ އެޅުނު އަހަރެވެ. ފަސްނުބަލައި ކުރިޔަށްދާން އެންމެން ހުވައިކުރި އަހަރެވެ.

ހަނުއެނބުރުމަކީ ކޮބައިބާވައެވެ. މަޖާޒީ ގޮތުން އެއީ ގައިގައި ތަޅައިގަތީމާ ބިންމައްޗަށް ވެއްޓި އެނބުރިގަތުމެވެ. ދިވެހިބަހުގެ ރަދީފު ބުނަނީ އެހެންނެވެ. އެކަމަކު އައްޑޫގައި މިބަސް ބޭނުންކުރާގޮތް ތަފާތެވެ. ވަރަށް ތަފާތެވެ. ހަނުއެނބުރުމޭ ވިދާޅުވެ ސަންދާނު އަހަންމައިދި އެގެންނެވީ ރަދީފުގައި ބުނާ މާނައެއް ނޫނެވެ. އޭނާ ގެންނެވީ އައްޑޫ މީހުން މިބަސް ބޭނުންކުރާ ގޮތުގެ މާނައެވެ. އަހަންމައިދިއަކީ އައްޑޫ ހުޅުދޫ ބޭފުޅެކެވެ. ރާއްޖޭގެ ސިޔާސީ ރަދީފަށް އައުބަސްބަސް ގެންނެވުމުގައި ވަރަށް ފާހަގަ ކުރެވޭ ބޭފުޅެކެވެ. އަހުރެންގެ ބަހަވީ އުސްތާޒެއްވެސްމެއެވެ. ވަރަށް ތިމާގެ ބޭބެއެކެވެ.

އައްޑޫގައި މިބަސް ބޭނުން ކުރެވެނީ ހަނަށް ނިސްބަތްކޮށްފައެވެ. ހަނަކީ ވަޅި އާއި ފުރޯ ފަދަ ތަކެތި ތޫނު ކުރާން ކުރަނދާއި ލާއިން ވަށްބުރަކަށް ހަދައިގެން ގެންގުޅޭ އެއްޗެކެވެ. ވަޅި ފުރޯފަދަ ތަކެތި ތޫނުކުރާންވީމާ ހަނު އަނބުރާނެއެވެ. ހަނުގައި ވައުފަށެއް އައްސައިގެން އެވަލުގެ ދެކޮޅުގައި ހިފަހައްޓައިގެން ކޮންމެވެސް މީހަކު ހުންނާނެއެވެ. އެހެންހުރެފައި ފަހަރަކު އަތަކުން ވައުފަށަށް ދަމައިލީމާ ހަނުވެސް އެނބުރޭނީ ދެއަތަށެވެ. އެކޮޅަށްވެސް އެނބުރޭނެއެވެ. މިކޮޅަށްވެސް އެނބުރޭނެއެވެ. ވަކި ކޮޅަކަށް ގަރާރުވާ އެނބުރުމެއް ނޫނެވެ. މިކަމަށް ނިސްބަތްކޮށްފައި ވަކިއުސޫލެއް ހަމަޔެއްލަމަޔެެއް ނެތި އެގޮތްމިގޮތަށް އެނބުރޭ ކޮންމެ އެނބުރުމަކަށް ހަނުއެނބުރުމޭ ކިޔަނީއެވެ.

ހަނުއެނބުރުމުގެ މަޖާޒީ މާނަޔާއި ސިޔާސީ ކަންކަން ގުޅުވައިލީމާ އަހުރެންނަށް މިކަހަލަ އެނބުރުމެއްގެ ނަމޫނާ އެންމެ ނަލަކޮށް ފެންނަނީ ރައީސް ޔާމީނުގެ ސަރުކާރުންނެވެ. އެއްވެސް ހަމަޔެއް ލަމަޔެއް ނެތެވެ. އެހެންވެސް އެނބުރެނީއެވެ. މިހެންވެސް އެނބުރެނީއެވެ. ދެން އެނބުރޭނެ ކޮޅެއް ގޮތެއް ހަމައެކަކަށްވެސް ބުނާކަށް ނުމެއެނގޭމެއެވެ. ޚާރިޖީ ގުޅުންތަކުގައިވެސް ހަނުއެނބުރުމެވެ. ދާޚިލީ ކަންކަމުގައިވެސް ހަނުއެނބުރުމެވެ. އިގްތިސާދޭ މިކިޔާ ބަސް މިއެނބުރުމެއްގެ ތެރޭގައި ހަނާހުނި ވެއްޖެއެވެ. ހަނާހުނިވުމަކީ ފީވެ ކުދިކުދިވުމެވެ. އިގްތިސާދާއި އިގްތިސާދު ކުރުމަކީ ކޮންއެއްޗެއްކަން ނޭނގޭ ވަރަށް މިއެއްޗެއް ކުދިކުދިވެއްޖެއެވެ.

އިހު އަފުރެމެންގެ ކައުބަފައިން ހަނުއަނބުރައި އުޅުނީ ވަޅިޔާއި ފުރޯ ފަދަ ތަކެތި ތޫނު ކުރުމަށެވެ. އެތަކެތި ތޫނުކޮށްގެން އެއުރެންގެ މަސައްކަތް ފަސޭހަކޮށް ހަލުވި ކުރުމުގެ ގޮތުންނެވެ. ރައީސް ޔާމީނުގެ ސަރުކާރުން ހަނުއަނބުރަމުން މިދަނީ އެއްޗެއް ތޫނުކުރާކަށް ނޫނެވެ. ދެން ކަންމަތީ ޒުވާނުންގެ ތެރެއިން ކުއްޖަކު ވަޅިއެއް ތޫނު ނުކުރެއެކޭ ނޫނެވެ. އެއީ މުޅީން އެހެން ކަމެކެވެ. ރައީސް ޔާމީނުގެ ސަރުކާރުން ހަނުއަނބުރަނީ ފައިސާ ޕަކަޅާ ކުރުމަށެވެ. ޕަކަޅާ ކުރުމަކީ ޖަހައިގަތުމެވެ. ފޭރިގަތުމެވެ. ޖީބުކެނޑުމެވެ. ޕަކަޅާ ކުރުމޭ ބުނެވުނު ކަމަށްޓަކައި ދެން މިޖެހުނީ މިބަސް ގެންނާން ޖެހުނުގޮތް ބަޔާންކުރާންތާއެވެ.

މީގެ ތިން ހަތަރު އަހަރެއްހައި ދުވަސްކުރީން ޑރ ވަހީދުގެ ސަރުކާރުގެ ދައުރު ނިމުނުއިރު ވިލާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ލޯލާރިއެއްވެސް ނެތެވެ. މިކަން އޭރުގެ ވަޒީރުންވެސް ކަށަވަރުކޮށްދެއްވައެވެ. އަދި ރައީސް ޔާމީނުގެ ދައުރު ދެބައިވީއިރުވެސް ވިލާ ކުންފުނީން ދައްކާންޖެހޭ އެއްޗެއް ނުދައްކައި ނެތެވެ. އެކަން ޔަގީންކޮށްދެއްވީ ސީދާ ރައީސް ޔާމީނެވެ. މީރާގެ އެންމެމަތީ އެވޯޑުކަމަށްވާ ރަންލާރި ވިލާގެ ޗެއަރމަން އޮނަރަބަލް ގާސިމް އިބްރާހީމަށް ދެއްވީ ރައީސް ޔާމީނުގެ އަތްޕުޅުންނެވެ. މިއެވޯޑަކީ ދައުލަތަށް ދައްކާންޖެހޭ ކިތަންމެ ކުޑަ މިންވަރެއްވެސް ނުދައްކައި އޮވެގެން ލިބޭ އެއްޗެއް ނޫނެވެ މީރާގެ ގަވައިދުތައް ބުނަނީ އެހެންނެވެ. އެކަމަކު މިހާރު ކުއްލިޔަކަށް ވިލާ ކުންފުނީން ދައުލަތަށް 166 މިލިޔަން ޑޮލަރު ދައްކާން ޖެހިގެން އެމައްސަލަ ސަރިޔަތަށް ފޮނުވައިފިއެވެ. މިއީ ކުޑަ އަދަދެއް ނޫނެވެ. ދެން އެވީ ގާސިމް އިބްރާހީމުގެ ގެދޮރާއި މުދާ ދައުލަތަށް ނަގައި ނީލަން ކިޔާށެވެ. މިއީ ޕަކަޅާކުރުމެވެ.

ގާނޫނުތަކަށް ބަދަލުގެނެސްގެން އެއްވެސް ބަޔަކާ މަޝްވަރާނުކޮށް ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުފަޅާއި ގިރިގިރި ބޭރު މީހުންނަށާއި އެނޫންވެސް މީހުންނަށް ވިއްކައި ނިންމައިފިއެވެ. ދައުރު ނިމޭން އަހަރަކަށްވީމާ މާލެއިން ސަރުކާރަށް މިލްކުވެގެންވާ ދޮޅަސް ސޯޅަ ބިމެއް ވިއްކައިލާން ނިންމައިފިއެވެ. ދިވެހި ރައްޔިތުންގެ ނަމުގައި ބޭރުން ބޮޑެތި ލޯނުތައް ނަގައި އަފުރެމެންގެ ދަރީންނާއި އެދަރީންނަށް ލިބޭންތިބި ދަރީންނާއި އެދަރީންގެ ދަރީންނަށްވެސް މިންޖުނުވެވޭވަރުގެ ދެމިގެންވާ ބޮޑު ދަރަންޏެއްގެ ކަސްތޮޅުން އަފުރެމެން އެންމެން ގައިދުކޮށްފިއެވެ. ދިވެހި ގައުމު ދަރުވާލައިފިއެވެ. މިއީ ޕަކަޅާ ކުރުމެވެ. ދެވަނަ އެހެން އެއްޗެއް ނޫނެވެ.

މިކަންކަމާ ދެކޮޅަށް ސިޔާސީ ލީޑަރުން ނުކުންނެވީމާ ނިރުބަވެރިކަމުގެ ދައުވާޔާއި ދެންވެސް މިޒާތުގެ ދައުވާތައް ބަރިބަރިޔަށް އަތުރައިގެން ތިބެ އެބޭފުޅުން ދިގު މުއްދަތަކަށް ހުރަގެޔަށް ލައިފިއެވެ. ރައްޔިތުންގެ ތެރެއިން މިކަންކަމާ ދެކޮޅަށް އަޑު އުފުލާން ނުކުންނަ ކޮންމެ މީހެއްގެ ލޮލަށް މިރުސްފެނާއި މިރުސްދުންޖަހައި ފުރަގަހަށް ބިޑިއަޅުވައި ތަޅައި އަނިޔާކުރަނީއެވެ. މިނިވަން މުވައްސަސާތައް ނުކުޅެދޭ ތަންތަންކަމަށް ހަދައި ނިންމައިފިއެވެ. ބޭރު ގައުމުތަކާއި ޖަމާއަތްތަކުން ތިޔައީ ގޯހެކޭ ބުނީމާ އެހެން ބުނާ ކޮންމެބަޔަކާ ގުޅުން ކަނޑައިލަނީއެވެ. ހަމަޔެއް ލަމަޔެއް ނެތެވެ. އެހެންވެސް އެނބުރެނީއެވެ. މިހެންވެސް އެނބުރެނީއެވެ. އެހެންވީމާ މިކަން ސިފަކުރާނީ ހަނުއެނބުރުމޭ ނޫން ދެން އެހެން ކޮން ބަހަކުން ބާވައެވެ.