Last Updated: April 23, 14:49
Tuesday, April 23, 2024
މީހުން

ކޮމީޑިއަން ޑިކް ގްރެގޮރީ މަރުވެއްޖެ

ފޮޓޯ: އީޕީއޭ

އެމެރިކާގެ މަޝްހޫރު ކޮމީޑިއަން އަދި މަދަނީ ހައްޤުތަކާއި ބެހޭ އެކްޓިވިސްޓެއް ކަމަށްވާ ޑިކް ގްރެގޮރީ މަރުވެއްޖެ ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

ގްރެގޮރީ މަރުވިއިރު އޭނާގެ އުމުރަކީ 84 އަހަރެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ގްރެގޮރީ މަރުވީ އެމެރިކާގެ ވޮޝިންޓަންގެ ހޮސްޕިޓަލެއްގައި އޭނާގެ ބަލި ހާލަތަށް ފަރުވާކުރަމުން ދަނިކޮށެވެ.

އޭނާގެ އާއިލާއިން ވަނީ އެ ހިތާމަވެރި ޚަބަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހޮނިހިރު ދުވަހު އާންމުންނާއި ހިއްސާ ކޮށްފައެވެ.

1960 ގެ އަހަރުތަކުން ފެށިގެން ގްރެގޮރީ އައީ ނަސްލީ ތަފާތުކުރުންތަކަށް އޭނާގެ ކޮމެޑީ ޝޯތަކުގައި މަލާމާތްކުރަމުންނެވެ. އެގޮތުން އޭނާ އަކީ ހުދު ނަސްލުގެ އޯޑިއެންސެއް ކުރިމަތީ ޝޯއެއް ދިން އެމެރިކާގެ އެންމެ ފުރަތަމަ ކަޅު ކޮމީޑިއަން އެވެ.

ގްރެގޮރީގެ މަރާއި ގުޅިގެން ގިނަ ބަޔަކު ވަނީ ޓްވިޓާ ގައި އޭނާއަށް އިހުތިރާމް އަދާކޮށްފައެވެ.

ގްރެގޮރީ ވަނީ 1960ގެ އަހަރުތަކުގައި ގިނަ އަދަދެއްގެ މަދަނީ ހައްޤުތަކާއި ބެހޭ ޙަރަކާތްތަކުގައި ބައިވެރިވެފައެވެ. އޭނާ ވަނީ ވިއެޓްނާމްގެ ހަނގުރާމައާއި ދެކޮޅަށް ވެސް ކެމްޕެއިންކޮށްފައެވެ.