Last Updated: April 19, 16:50
Friday, April 19, 2024
ޚަބަރު

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު އާންމުކޮށްފި

ފޮޓޯ: ސަން

މާލެ ސަރަޙައްދުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީއެސްޓީ ބަޔާން ހުށަނާޅާ އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.

އެގޮތުން މީރާ އިން މިއަދު އަންމުކުރި ލިސްޓްގައި ޖީއެސްޓީ ނުދައްކާ 113 ފަރާތެއްގެ މަޢުލޫމާތު ހިމެނެއެވެ. އެ ފަރާތްތަކުގެ ތެރޭގައި މާލެ، ވިލިނގިލި، ހުޅުމާލެ، ޓޫރިސްޓް ރިސޯޓްތަކުގައި ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވިޔަފާރި ކުރާ ފަސް ފަރާތެއް ހިމެނެއެވެ.

މިދިޔަ މަހު މީރާ އިން އާންމު ކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަތޮޅު ތެރޭގައި ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ޖީއެސްޓީ ނުދައްކާ އަދި ޖީއެސްޓީ ބަޔާން ހުށަނާޅާ މީހުންގެ ލިސްޓްގައި 112 ފަރާތެއްގެ ނަން ހިމެނެއެވެ.

އެ ލިސްޓްތައް އާންމު ކުރުމުގެ ކުރިން މީރާ އިން ވަނީ އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، އެސް.އެމް.އެސް މެދުވެރިކޮށް އަދި އެތަންތަނަށް ޒިޔާރަތް ކޮށްގެން ވެސް ޓެކްސް ނުދައްކާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަން ކިޔައިދީފައެވެ.