Last Updated: June 29, 19:00
Monday, June 29, 2026
ޚަބަރު

ވިލާ ކޮލެޖުން "ޑިސްކަވަރ ހޮސްޕިޓާލިޓީ" ޕްރޮގްރާމް ތަޢާރަފް ކޮށްފި

ޓްރެއިނިން ޕްރޮގްރާމްގެ ބައިވެރިން - މިހާރު ފޮޓޯޯ: ނިޝާން އަލީ

ޔުނިވާސަލް ފައުންޑޭޝަން އާއި ވިލާ ކޮލެޖާއި ގުޅިގެން ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ތައްޔާރު ކުރުމަށްޓަކައި "ޑިސްކަވަރ ހޮސްޕިޓާލިޓީ" ޕްރޮގްރާމް ތަޢާރަފްކޮށްފި އެވެ.

މި ކޯސް އިފްތިތާހުކޮށްފައި ވަނީ މިއަދު ހޮޓެލް ޖެން ގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ މިއީ ސްކޫލް ނިންމާ ދަރިވަރުންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

ކޯސް އިފްތިތާޙް ކުރުމަށްފަހު ވާހަކަ ދައްކަވަމުން ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ވީހާވެސް ގިނަ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ނެރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާސް ވަހީދު ވިދާޅުވީ ސްކޫލް ދައުރުގައި އެހާ ރަނގަޅު ނަތީޖާއެއް ނުލިބުނަސް، މި ޕްރޮގްރާމްގެ ދަށުން ކުއްޖާގެ ހުނަރު ތަރައްޤީ ކުރެވޭނެ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން އިޔާސް ވިދާޅުވީ 2013 ވަނަ އަހަރު ޔުނިވާސަލް ފައުންޑޭޝަން ރަޖިސްޓްރީ ކުރި ފަހުން 100 އަށްވުރެ ގިނަ ދިވެހިންނަށް ވަނީ ތަފާތު ދާއިރާތަކުން ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށެވެ. އަދި މިހާތަނަށް އެ ފައުންޑޭޝަނުން 30 އަށްވުރެ ގިނަ ޑޮކްޓަރުން ވެސް ތަމްރީންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހަފްލާގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް ވިދާޅުވީ ވަރަށް އަވަސް މުސްތަޤްބަލެއްގައި ސެޓިފިކެޓް 3 ހޮސްޕިޓާލިޓީ ޕްރޮގްރާމެއް ވިލާ ކޮލެކުން ފަށާނެ ކަމަށާއި، އެ ޕްރޮގްރާމްގެ މަޤްސަދަކަށް ވާނީ ބައިވެރިވާ ދަރިވަރުންގެ ހުނަރުތައް ފަތުރުވެރިކަމުގެ ދާއިރާއަށް ފެއްތުން ކަމަށެވެ.

އެ ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ސެޓިފިކެޓް ލެވެލް ހަތަރެއްގ ކޯސްތަކަށް ދެވޭނެ ކަމަށާއި، އެއަށްފަހު ޑިގްރީ ޕްރޮގްރާމްތަކަށް ދިއުމުގެ ފުރުސަތު ވެސް ހުޅުވިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.