އައްޑޫ ސިޓީގެ ބައެއް ހިސާބުތަކަށް އުދަ އަރައިފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރުން ފެށިގެން އުދައަރަމުން ދަނީ، ސ.މަރަދޫ، ސ.ހެރަތެރަ އާއި ހުޅުދޫ ގުޅޭ ޗެނަލާއި ދިމާލަށެވެ.
މީގެ އިތުރުން މަރަދޫ ފޭދޫ އަދި ފޭދޫގެ ބައެއް ހިސާބުތަކަށް އުދަ އެރި ނަމަވެސް އެރަށްތަކަށް އެހާ ބޮޑަށް އުދައިގެ އަސަރުކޮށްފައެއް ނުވެއެވެ.
އުދައެރުމުގެ ސަބަބުން ހެރަތެރައިގައި ހިންގާ ކެނަރީފް ރިސޯޓުގެ ފުށްޓަރު ފަރާތުގައި ހުންނަ ރޫމުތަކުގައި ތިބި ފަތުރުވެރިން ވަނީ އެހެން ރޫމްތަކަށް ބަދަލުކޮށްފައެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި ހެރަތެރަ ރިސޯޓުގެ މުވައްޒަފަކު ބުނީ އުދައެރުމުގެ ސަބަބުން ފުށްޓަރު ފަރާތުގައި ހުރި ރޫމްތަކަށް ވެސް ލޮނުގަނޑު ވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން ރިސޯޓުގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
ހުޅުދޫ އާއި މީދޫގެ ބައެއް ސަރަހައްދަށް ވެސް އުދަ އަރާފައި ވާއިރު، އެންމެ ބޮޑަށް އުދައިގެ އަސަރުކޮށްފައި ވަނީ ހެރަތެރަ އާއި ހުޅުދޫ އާއި ދެމެދު އޮންނަ ޗެނަލާއި ދިމާލަށެވެ.
އެހިސާބަށް އެރި އުދައިގެ ލޮނުގަނޑު އަދިވެސް އެ ސަރަހައްދުގައި އެބައޮތެވެ. އޭގެ ސަބަބުން ކެނަރީފް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެނބުރި ރަށަށް ދިއުމަށް ވެސް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.
"ރަށަށް އެނބުރި ދެވޭނެ ގޮތެއް ނެތް. ސައިކަލްތައް ބަަހައްޓާފައި ހުރި ތަނުގެ ވަށައިގެން އަދިވެސް އެއޮތީ ލޮނުގަނޑު، އެހެން ނަމަވެސް މިހާރު އެއްވެސް ވަރަކަށް އުދަ އަރަމުން ނުދޭ. ދިޔަވަރު ހިކިފައި އޮތީ." ކެނަރީފް ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.