ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް ޝަރީއަތް މަޖިލީހަށް ނުފޫޒު ފޯރުވޭ ގޮތަށް ހަބާރާއި މައުލޫމާތު ނުފެތުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖީއޭ) މީޑިއާތަަކަށް އިންޒާރު ދީފި އެވެ.
ޑީޖީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އެންމެހައި އަމަލްތަކުން އެއްކިބާވެތި ބުމަށް މީގެ ކުރިންވެސް ތަކުރާރުކޮށް އަންގަމުން ދިޔަ ނަމަވެސް ޝަރީއަތަށް ނުފޫޒު ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރިޢަތާއި ގުޅޭ ކަންކަމުގެ ބަޔާންތައް ދިނުމާއި ޝާއިއު ކުރުމަކީ މަނާކަމެއްކަމަށާއި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ޖޭއެސްސީން ވަނީ އަންގާފައެވެ.

ޑީޖީއޭއިންގެ ބަޔާނުގައި ބުނެފައިވަނީ ކޯޓުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގޮތުން ގާނޫނީ ވަކީލެއް ވިޔަސް އަދި މީޑިއާ ވިޔަސް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން ގާނޫނީ ވަކީލުންގެ ވަކީލްކަމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީ ގޮތަކަށް ބާޠިލް ކުރަން ޖެހިދާނެކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖެގެ އުއްތަމަ ފަނޑިޔާރާއި ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަފާތު ގޮތްގޮތަށް ހަގީގަތާއި މުޅިން ހިލާފު ވާހަކަތައް މީޑިއާގެ ވަސީލަތްތައް ބޭނުްކޮށް އެކި ފަރާތްތަކުން ފަތުރަމުން ގެންދާތީ، ފަނޑިޔާރުންގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅިދާނެތީ ގާނޫނާއި ގަވާއިދާއި އެއްގޮތްވަ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންދާނެކަމަށެވެ.
ޑީޖީއޭއިން މިފަދަ ހަރުކަށި ބަޔާނެއް ނެރެފައި މިވަނީ މަޖްލިސްގެ ހަތަރު މެމްބަރެއްގެ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމުމާއި ގުޅިގެން އެކަމުގައި ގޮތެއް ކަނޑައަޅައި ދިނުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުން ލަސްވާކަމަށް ބުނެ އިދިކޮޅު މަޖްލިސް މެމްބަރުން މިއަދު ސްޕްރީމް ކޯޓަށް ވަޑައިގަތުމަށް ފަހު މީޑިއާ ގައި ވާހަކަފުޅު ދައްކަާފައި ވަނިކޮށެވެ.