Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

މަސީހަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ނުދޭނަން: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މަައްސަލަ އާއި ގުޅިގެން މަޖްލިސްގެ ޖަލްސާ މެދުކަނޑާލާފައި އޮތުމަށްފަހު މާދަމާ ބާއްވާ ޖަލްސާގެ ރިޔާސަތުގައި މަޖްލިސްގެ ރައީސް އަބްދުﷲ މަސީހު ހުންނެވުމުގެ ފުރުސަތެއް ނުދޭނެކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖްލިސް މެމްބަރުން ބުނެފިއެވެ.

އިދިކޮޅު މެމްބަރުންގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް ވިދާޅުވީ މަޖްލިސްގެ ރައީސް މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކޮށް އެހެން އެއްވެސް ކަމެއް މަޖްލިސްގައި ކުރިއަށް ނުގެންދެވޭނެކަމަށެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމަށް 45 މެމްބަރުން ސޮއިކޮށް ހުށަހެޅި ނަމަވެސް މުޅި މަޖްލިސް ހަލަބޮލިކޮށް މައްސަލަ ވަނީ ބަލައި ނުގަނެ ބޭރުކޮށްލާފައެވެ.

މަހްލޫފު ވިދާޅުވީ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ އަށް މެމްބަރުންނާއި ރިޝްވަތުގެ ތުހުމަތުގައި ޖަލުގައި ބަހައްޓާފައިވާ ދިއްގަރު ދާއިރާގެ މެމްބަރ އަހްމަދު ފާރިސްވެސް މާދަމާ ޖަލްސާއަށް ގެންނަވަން ޖެހޭނެކަމަށެވެ.

މަޖްލިސްގެ ޖަލްސާއެއް މާދަމާއަށް ޝެޑިއުލްކޮށްފައިވާއިރު މާދަމާގެ ޖަލްސާއަށް ވަނީ އެމްއެމްއޭގެ ގަވަރުނަރު ކަމަށް ހަމަޖައްސަވަން ރައީސް އަބްދުﷲ ޔާމީން ނިންމެވި އަހުމަދު ނަސީރު އާއި ލަންކާއަށް ކަނޑައަޅުއްވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު)ގެ ނަން ފޮނުއްވާފައެވެ.

މަޖްލިސްގެ އަސް މެމްބަރެއްގެ ގޮޑި ގެއްލިފައިވާކަމަށް އިލެކްޝަން ކަމިޝަނުން ނިންމެވި ނަމަވެސް ގާނޫނީ ފަރާތްތަކާއި މަޖްލިސްގެ ގިނަ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ އެ މެމްބަރުންގެ ގޮޑި ގެއްލުނުކަން ކަނޑައަޅަން ޖެހޭނީ ސްޕްރީމް ކޯޓުންކަމަށެވެ. އަދި ސްޕްރީމް ކޯޓުން ކަނޑަނާޅަނީސް ގޮޑި ނުގެއްލޭނެކަމަށެވެ.

މަޖްލިސްގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ހުށަހެޅި ހިސާބުން ޕީޕީއެމްއިން މަޖްލިސްގައި ދަމަހައްޓަމުން އައި މަޖްލިސް މެޖޯރިޓީ ވަނީ ގެއްލިފައެވެ. އެއާއިއެކު ބަންޑާރަ ނައިބް ވަނީ ޕާޓީން ވަކިވާ މެމްބަރުންގެ ގޮޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށް ދުސްތޫރީ މައްސަލައެއް ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.