Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ރޫނީގެ 200 ވަނަ ގޯލާއެކު އެވަޓަން އަށް ޕޮއިންޓެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަދި އެވަޓަން ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެ ދެ ޓީމަށްވެސް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ރޭގެ މެޗުގައި އެވަޓަންގެ ހަމައެކަނި ގޯލު މެޗުގެ 34 ވަނަ މިނެޓުގައި ވޭން ރޫނީ ޖަހައި، އޭނާ ވަނީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 200 ވަނަ ގޯލު ހަމަކޮށްފައެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގައި މިސީޒަނުގައި ކުލަބާއި އަލަށް ގުޅުނު ޑިފެންޑަރު، ކައިލް ވޯކާއަށް ރެފްރީ ވަނީ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. ވޯކާ އަށް ފުރަތަމަ ރީނދޫ ކާޑު 42 ވަނަ މިނެޓުގައި ދައްކާފައިވާއިރު އޭނާގެ ރަތް ކާޑާއި ދެމެދު ދެ މިނެޓުވެސް ހިނގާފައެއް ނުވެއެވެ.

ދެވަނަ ހާފުގައިވެސް ސިޓީއިން ލަނޑު ޖަހަން މަސައްކަތް ކޮށްފައިވިނަމަވެސް ދެވަނަ ހާފުގެ ބޮޑުބައި ކުޅެފައިވަނީ އިތުރު ލަނޑެއް ނުފެނިއެވެ. ނަމަވެސް 82 ވަނަ މިނެޓުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް ރަހީމް ސްޓާލިންގ ވަނީ ގޯލު ޖަހައި ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ދެޓީމު އެއްވަރުވެގެން ނިމިފައިވާއިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ އޭނާ އެންމެ ފަޚުރުވެރިވި އެއް ދުވަހަކީ އިއްޔެ ކަމަށެވެ. އެވަޓަންގެ ކޯޗު ކޯމެން ބުނެފައިވަނީ އުނދަގޫ ޓީމަކާއި ދެކޮޅަށް ކުޅެ ޕޮއިންޓެއް ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.