Last Updated: March 28, 16:50
Thursday, March 28, 2024
ރިޕޯޓް

އެކްސިޑެންޓް މަދު ކުރުމަށް އެލައިޑުން އައްޑޫގައި ޖެހި ބިލްބޯޑް!

އައްޑޫ ލިންކު ރޯޑަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިނގާފައިވާ އެންމެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވާ މަގެވެ. 2001 ވަަ އަހަރުން ފެށިގެން މިއަދާއި ހަމައަށް މި މަގުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓް ތަކުގައި 60 އަށް ވުރެ ގިނަ މީހުން ވަނީ މި ދުނިޔެ ދޫކޮށްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ލިންކު ރޯޑުގައި ހިނގާފައިވާ ގިނަ އެކްސިޑެންޓް ތަކަކީ ބާރު ސްޕީޑުގައި ދުއްވައިގެން ހިނގާފައިވާ އެކްސިޑެންޓްތަކެވެ.

އައްޑޫގައި އެކްސިޑެންޓް ހިނގައި އެތައް ބަޔަކު މަރުވުމަކީ އެންމެގެންވެސް ކަންބޮޑުވުމެކެވެ. ހާއްސަކޮށް އެންމެ ބޮޑަށް ކަންބޮޑުވަނީ އެކްސިޑެންޓެއް ހިނގީމައެވެ. އެފަދަ ދުވަސްވަރު މަގުމަތީގެ އަމަންކަން ބެލެހެއްޓުމަށް ތަފާތު މަސައްކަތް ކުރާތަން ފެނިގެންދެއެވެ.

އައްޑޫގައި އެކްސިޑެންޓްތައް ހިނގާތީ އެކަމަށް މީހުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެލައިޑް އިންޝޫރެންސް އާއި ފުލުހުން ގުޅިގެން އައްޑޫގައި "ރައްކާ" ގެ ނަމުގައި ރޯޑް ޝޯއެއް ބާއްވައި އެކި ސަރަހައްދު ތަކުގައި ބިލްބޯޑު ޖެހިއެވެ. އެއީ މީހުން އެކަމަށް ހޭލުންތެރިކުރުމަށް ކުރި ރަނގަޅު މަސައްކަތެކެވެ.

2015 ވަނަ އަހަރު އެލައިޑުން ޖެހި މި ބިލްބޯޑުތަކުގެ ކުލަ ވެއްޓިފައިވާ އިރު މީގެ ބޭނުމެއް މިހާރަކު ނެތެވެ. މި ބޯޑުގެ ސަމާލުކަން އަނެއްކާވެސް އައީ ދާދި ފަހުން މީގެ އިތުރު ރޯޑް ޝޯއެއް ކުޅުދުއްފުށީގައި ބާއްވައި އެރަށުގައި ބިލްބޯޑު ޖެހުމުންނެވެ.

މި މަސައްކަތަކީ ހަމައެކަނި ދައްކާލުމަށް ކުރާކަމެއް ކަމަށް ގަބޫލު ނުކުރެވެއެވެ. އޭގެ ބަދަލުގައި މިއީ ރައްޔިތުންނަށް ރަނގަޅު މެސެޖެއް ދިނުމަށް ކޮށްފައިވާ މަސައްކަތެކެވެ. ނަމަވެސް މި ބޯޑުތަކުގެ ކުލަ ވެއްޓި ބޭނުން ކެނޑިފައިވާތާ އެތައް ދުވަހެއް ފާއިތުވެގެން ދާއިރު އަދިވެސް ބޯޑު އާކޮށް ނުލެވެއެވެ. އައްޑޫގައި އެލައިޑް އޮފީހެއް ވަނީ ގާއިމްކޮށްފައެވެ. އަނެއްކޮޅުން މީގެ އެއްބޯޑު ހުރީ ހިތަދޫގައި ހުންނަ ފުލުހުންގެ އިދާރާ ކުރިމަތީގައެވެ. ޔަގީނުންވެސް މި ބޯޑު ފުލުހުންނާއި އައްޑޫ ފުލުހުންގެ ވެރިންނަށް ފެންނާނެއެވެ. އެކަމަކުވެސް އަދި އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ދެވިގެންދާތަން ނުފެނެއެވެ.

އެކްސިޑެންޓް މަދު ކުރުމަށް ޖެހި ބޯޑުގެ ބޭނުން މިހާރު ނުކުރެވެއެވެ. އަޅުގަނޑުގެ އުއްމީދަކީ މި ގޮތަށް ކުޅުދުއްފުށީގައި ޖެހި ބިލްބޯޑަށް ނުވުމެވެ.