މިއަދުގެ މަޖިލީހުގައި ތާވަލުކުރި މައްސަލަތައް ކަމާބެހޭ ކޮމިޓީތަކަށް ފޮނުވާލުމަށްފަހު މަޖިލިސް ނިންމަވާލައްވައިފިއެވެ.
މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މ. ކޮތަންމާގޭ މުހައްމަދު ހުސައިން ޝަރީފް (މުންދު)ގެ ނަން އައްޔަންކުރަން ރުހުން ހޯދުމަށް ފޮނުއްވާފައިވާ މައްސަލައާއި މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ކ. މާފުށި، މުސްތަރީގޭ އަހްމަދު ނަސީރުގެ ނަން އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވާ މައްސަލައެވެ.
އަދި މީގެ އިތުރުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަވެސް ވަނީ މިހާރު ކޮމިޓީއަށް ފޮނުވާލާފައެވެ.
މަޖިލީހުގެ ޖަލްސާއަށް ރައީސް މަސީހު ވަޑައިގަތީވެސް މުޅި ޗެމްބަރު ވަށާ ސިފައިން އަތުރާލުމަށްފަހުގައެވެ. މަޖިލީހަށް މަސީހު ވަދެވަޑައިގަތުމާއެކު އިދިކޮޅު މެމްބަރުންވަނީ އިސްތިއުފާގެ އަޑުން ޗެމްބަރު ގުގުމާލާފައެވެ. މާގިނައިރުތަކެއް ޗެމްބަރުގައި މަޑުކުރެއްވުމެއް ނެތި މަސީހު ވަނީ ސިފައިންގެ ހިމާޔަތުގައި ޗެމްބަރު ދޫކޮށް ވަޑައިގެންފައެވެ.
މިއަދުގެ ޖަލްސާގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުން ވަނީ މަސީހު ރިޔާސަތުގައި ހުރުމުގެ ފުރުސަތެއް ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހުރަސް އެޅުން ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ ކުށްވެރިކޮށް، ފާޑުވިދާޅުވެފައެވެ.