Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

މަސީހް މި ހާލަތަށް ވެއްޓުނީ ޕަޕެޓަކަށްވުމުން: އަމީތު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް މެމްބަރުން ކުރި އިތުބާރު ގެއްލި "މިހާލަތަށް" ވެއްޓުނީ މީހެއްގެ ޕަޕެޓަކަށްވެ، އަމިއްލަ ނަފްސު ވިއްކާލުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމަށް އިންތިޚާބުވި މުހައްމަދު އަމީތް ވިދާޅުވެއްޖެއެވެ.

އަމީތު ކުރެއްވި ޓުވީޓެއްގައި މަސީހަށް ޖަލްސާ ބޭއްވުނަ ނުދީ އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރަމުންދާ ފޮޓޯއެއް ހިމެނުމަށްފަހު ވިދާޅުވެފައިވަނީ މިހާލަތަށް ވެއްޓިފައިވަނީ މީހެއްގެ ޕަޕެޓަކަށްވެ އަމިއްލަ ނަފްސު ވިއްކާލުމުން ކަމަށެވެ. އަދި މަސީހުގެ ރިޔާސަތު ނިމިގެންދާނީ ވަރަށް ހުތުރުކޮށް ކަމަށް އަމީތު ވިދާޅުވެފައިވެއެވެ.

މިއަދުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވި މަސީހަށް ވަނީ ޗެމްބަރު ދޫކުރައްވައި ވަޑައިގަތުމަށް މަޖުބޫރު ވެފައެވެ. މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގެންނެވުމަށްފަހު މިއަދުގެ ޖަލްސާއަށް ތާވަލުކުރި މައްސަލަތައް ކަމާ ބެހޭ ކޮމިޓީތަކަށް ފޮނުވާލުމަށްފަހު މަޖިލީހުގެ މިއަދު ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 45 މެމްބަރަކު ސޮއިކުރައްވާ މަސީހްގެ އިތުބާރު ނެތް ކަމުގެ ވޯޓަށް ހުށައެޅުމުން، ވޯޓު ނުނަގައި މައްސަލަ ބޭރުކޮށްލުމަށްފަހު ވޯޓަށް އެހުމަށް ހަމަޖެއްސި ދުވަހު މަޖިލިސް ބަންދުކޮށް ޖަލްސާ ނުބޭއްވޭނެ ކަމަށް މެމްބަރުންނަށް ވަނީ އަންގާފައެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ބޭރުގެ އިދާރާތްތަކާއި ޖަމިއްޔާތަކުންވެސް ވަނީ ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާފައެވެ.