Last Updated: April 23, 16:44
Tuesday, April 23, 2024
ޚަބަރު

ވަގުތުން ވަރި ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

އިންޑިއާގެ ސުޕްރީމް ކޯޓުން ފިރިމީހާއަށް އަނބިމީހާ ވަގުތުން ތިން ފަތް ވަރިން ވަރިނުކުރެވޭނެ ކަމަށް ކަނޑައަޅައި ހުކުމްކޮށްފި އެވެ.

އިސްލާމްދީނުގައި ފިރިމީހާއަށް އޭނާގެ އަނބިމީހާ ބުނާ ބަހަކުން ނުވަތަ ކުރާ އަމަލަކުން ވަގުތުން ތިން ފަތް ވަރިން ވަރިކުރުމުގެ ބާރު ދީފައިވާއިރު އިންޑިއާ ކޯޓުން ނިންމި ނިންމުމާއެކު އެގައުމުގެ ފިރިހެނުންނަށް ވަގުތުން ވަރިނުކުރެވޭނެ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ނަމަވެސް ތިން ފަތް ވަރިން ވަރިކޮށްފިނަމަ ދެން އެމީހާއަށް އެއަންހެން މީހާ އެހެން މީހަކާއި ސައްޙަ ކައިވެންޏެއް ނުކުރާހާ ހިނދަކު ކައިވެނި ކުރުމުގެ ހައްގުން މަޙްރޫމް ވެގެންދާނެއެވެ.

ހަ މަސް ދުވަހަށް ފިރިންނަށް ވަގުތުން އަނބިން ތިންފަތް ވަރިން ވަރިނުކުރެވޭނެ ކަމަށް ކޯޓުން ކަނޑައެޅި ނަމަވެސް އެކަން މަޖިލީހުން ބިލެއްގެ ގޮތުގައި ފާސްކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން މިމައްސަލައާ ބެހޭގޮތުން ހުކުމް ކަނޑައަޅާފައިވާއިރު ބެންޗުގައި ތިބި ފަސް ފަނޑިޔާރުންނަކީވެސް ތަފާތު ދީންތަކުގެ ފަނޑިޔާރުންނެވެ. ޗީފް ޖަސްޓިސް ފަނޑިޔާރު ކެހެހާރުއަކީ ސިކު ދީނުގެ މީހެކެވެ. އަދި ބާކީތިބި ހަތަރު ފަނޑިޔާރުންގެ ތެރޭގައި ހިންދޫ ދީނުގެ ފަނޑިޔާރަކާއި ކްރިސްޓިއަން އަދި ޕާސީ ފަނޑިޔާރެއްގެ އިތުރުން މުސްލިމް ފަނޑިޔާރެއްވެސް ހިމެނެއެވެ.

ސުޕްރީމް ކޯޓުން މިމައްސަލައާ ގުޅިގެން ހުކުމް ކުރި ނަމަވެސް ހަ މަސްދުވަހުގެ ތެރޭގައި އިންޑިޔާގެ ގާނޫނު ހަދާ މަޖިލީހުން ބިލެއް ތަސްދީގު ނުކޮށްފިނަމަ ހުކުމް ބާތިލުވެގެންދާނެއެވެ.

އިސްލާމް ދީނުގައި ފިރިމީހާއަށް އަނބިމީހާ ވަރިކުރުން އެއީ އެންމެ ފަހުގެ މަރުހަލާ ކަމުގައި ކަނޑައަޅާފައިވިނަމަވެސް މިއަދުގެ މުޖުތަމައުގައި ވަރިކުރުމުގެ ކުރިން ކުރުމަށް ބާރުއަޅާފައިވާ އެއްވެސް ކަމެއް ނުކޮށް އަނބިމީހާ ވަރިކުރާތަން ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަނީ ފެންނަމުންނެވެ.