Last Updated: April 20, 16:27
Saturday, April 20, 2024
ރިޕޯޓް

ހައި ކޯޓްގެ ދެކުނު ގޮފި ހުއްޓިފައިވާތާ ހަ މަސް، އިސްތިއުނާފު ހައްގެއް ނެތް

ހައި ކޯޓް ދެކުނު ގޮފި--

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހައިކޯޓެއް ޤާއިމްކުރިތާ 34 އަހަރަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް ހައި ކޯޓުގެ ޝަރީޢަތްތައް ކުރިއަށް ގެންގޮސްފައި ވަނީ މާލޭގައެވެ. ރާއްޖޭގެ އެންމެ ދެކުނުގައި ހުންނަ މެޖިސްޓްރޭޓް ކޯޓަކުން ނިންމާ ނިންމުމެއް އިސްތިއުނާފް ކުރުމަށް ވެސް ދާން ޖެހިފައި އޮތީ މާލެ އަށެވެ.

އޭގެ ސަބަބުން އަތޮޅުތެރޭގެ ރައްޔިތުންނަށް އިސްތިއުނާފް ކުރުމުގެ ހައްގު އެކަށީގެންވާ ގޮތެއްގައި ލިބިދިނުމަށް ޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 2014 ވަނަ އަހަރު އިސްލާޙެއް ގެނެސް ރާއްޖޭގެ 2 ސަރަހައްދެއްގައި ހައިކޯޓުގެ 2 ގޮފި ޤާއިމްކުރާގޮތަށް ހަމަޖެހުނެވެ.

ހައިކޯޓުގެ 2 ގޮފި ޤާއިމްކުރުމުގެ މަސްއޫލިއްޔަތު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ޙަވާލުކުރެވުމާއި ގުޅިގެން އެ ކޯޓުން ކަނޑައަޅާފައި ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ހައި ކޯޓުގެ ދެ ގޮތްޕެއް ޤާއިމް ކުރުމަށެވެ.

އެގޮތުން ދެކުނުގައި ގާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވަނީ، ގއ. (ހުވަދުއަތޮޅު އުތުރުބުރި)، ގދ. (ހުވަދުއަތޮޅު ދެކުނުބުރި)، ފުވައްމުލައް، އަދި އައްޑޫއެވެ. ސުޕްރީމް ކޯޓުގެ ސަރކިއުލަރ އަކުން ހައިކޯޓުގެ ދެކުނު ގޮފި އުފައްދާފައި ވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ހައިކޯޓު ދެކުނު ގޮތްޕަށް ފަނޑިޔާރުން އައްޔަންކުރުން

 

ހައި ކޯޓު ދެކުނު ގޮތްޕަށް އެންމެ ފުރަތަމަ އައްޔަން ކުރި 3 ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރު، އައްބާސް ޝަރީފް އަދި ޝުޢައިބު ޙުސައިން ޒަކަރިއްޔާ

ހައިކޯޓުގެ ދެކުނު ގޮތްޕަށް ފުރަތަމަ ފަހަރަށް ފަނޑިޔާރުން ޢައްޔަން ކުރައްވާފައިވަނީ، އެ ކޯޓު އުފެއްދިތާ 4 މަސް ދުވަސް ފަހުން 21 ޖޫން 2015 ގައެވެ. އޭރު އެކޯޓަށް އައްޔަންކުރި ފަނޑިޔާރުންނަކީ،
ފަނޑިޔާރު އަލްއުސްތާޛް ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛް އައްބާސް ޝަރީފެވެ.

ހައި ކޯޓުގެ ދެކުނު ގޮތްޕަށް ކަނޑައެޅި 3 ފަނޑިޔާރުން އައްޑޫއަށް ވަޑައިގަތުމުގެ ކުރިން އޭގެ ތެރެއިން، ފަނޑިޔާރު އަލްއުސްތާޛް އައްބާސް ޝަރީފް ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހު ރިޓަޔަރ ކުރައްވާފައެވެ.

އައްބާސް ޝަރީފް ރިޓަޔަރ ކުރެއްވުމަށް ފަހު އެބޭފުޅާގެ ބަދަލުގައި ދެން އައްޔަންކުރެއްވީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރަކުން ކަނޑައެޅުއްވިއެވެ. ފަނޑިޔާރު އަބްދުޣަނީ އަކީ ހައިކޯޓު ދެކުނު ގޮފީގެ އިސް ފަނޑިޔާރެވެ.

ހައި ކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން އައްޑޫއަށް ވަޑައިގަތުން

ހައި ކޯޓުގެ ދެކުނު ގޮތްޕަށް ކަނޑައެޅި ފަނޑިޔާރުން އައްޑޫއަށް ވަޑައިގެންނެވީ އެބޭފުޅުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖެއްސެވިތާ އެތައް ދުވަހެއް ފަހުން 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 2 ވަނަ ދުވަހުއެވެ. އަދި އިދާރީގޮތުން ދިމާވެފައި ހުރި ގިނަ ދަތިތަކެއް ހައްލުނުވަނީސް ސުޕްރީމް ކޯޓުގެ ޚާއްސަ ޤަރާރަކާއި އެކު ހައިކޯޓު ދެކުނު ގޮފީގެ ޝަރީޢަތްތައް 2015 ވަނަ އަހަރުގެ ޑިސެމްބަރ 16 ގައި ވަނީ ފަށައިގެންފައެވެ.

ޑރ. އަޒްމިރަލްދާގެ އިސްތިއުފާ!

 

ޑރ. އަޒްމިރަލްދާ ޒާހިރު.

ހައި ކޯޓުގެ މަސައްކަތްތައް ފަށައިގަނެ ގާތްގަނޑަކަށް 6 މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވާފައި ވަނީ ހައިކޯޓު ދެކުނު ގޮފީގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ޖޭއެސްސީ އާއި ސުޕްރީމް ކޯޓަށް ވެސް ޝަކުވާ ހުށަހަޅުއްވާފައެވެ.

ސުޕްރީމް ކޯޓާއި ޖޭއެސްސީ އިން އެއްވެސް ޖަވާބެއް ނުލިބުމުން، ޑރ. އަޒްމިރަލްދާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށާއި، ރައީސް އަބުދުﷲ ޔާމީނަށް ވެސް އެ ޝަކުވާތައް ހުށަހެޅުއްވިއެވެ.

ޑރ. އަޒްމިރަލްދާގެ އިސްތިއުފާ އާއި އެކު ކަންބޮޑުވުންފާޅުކުރައްވައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދް ފާއިޒް ހުސައިން ވިދާޅުވެފައި ވަނީ، އަޒްމިރަލްދާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމަކީ ދިވެހި ޖުޑިޝަރީއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ. ޑރ.އަޒްމިރަލްދާ އިސްތިއުފާ ދެއްވި މައިގަނޑު ސަބަބަކަށް ވެފައި ވަނީ، ހުޅުމީދޫގައި އެކަށީގެންވާ އަސާސީ ޚިދުމަތްތަކެއް ޤާއިމްވެފައި ނެތް ތަނެއްގައި މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމެވެ.

ޝުޖާޢު އުޘްމާން އައްޔަންކުރުން

 

ޑރ. އަޒްމިރަލްދާ ޒާހިރު އިސްތިއުފާ ދެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ (23 މެއި 2016) ހައިކޯޓުގެ ފަނޑިޔާރު ޝުޖާޢު އުޘްމާން އައްޔަން ކުރައްވާފައެވެ. އެހެން ނަމަވެސް ފަނޑިޔާރު ކަމުގެ މަޤާމުގައި އެބޭފުޅާ ހުންނަވާތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް ކުއްލިގޮތަކަށް ފުލުހުންގެ ފުލް ސެކިއުރިޓީގައި ވަނީ މާލެ ގެންގޮސްފައެވެ. ޝުޖާއު އުޘްމާން މާލެ ވަޑައިގެންނެވީ އެބޭފުޅާ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުތަކެއް ލިބިވަޑައިގަތުމުން ކަމަށް ވެއެވެ.

މާރޗް މަހުން ފެށިގެން ހައިކޯޓު ދެކުނު ގޮފީގައި "ޑެޑްލޮކް"

 

ޝުޖާއު އުޘްމާން މާލެ އަށް ވަޑައިގެންނެވި ފަހުން 5 މަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ހައިކޯޓު ދެކުނު ގޮފީގެ މަސައްކަތް އަދިވެސް އޮތީ ހުއްޓިފައެވެ. އެ މަސައްކަތް ފަށައިގަނެވޭނެ ދުވަހެއް ނޭނގޭ އިރު، ދައުލަތުގެ ޚަޒާނާއިން ޚަރަދުކުރާ އިމާރާތަކާއި މުސާރަދޭ އެތައް މުވައްޒަފުންނެއް ހައިކޯޓުގެ ދެކުނު ގޮފީގައި އެބަތިއްބަވައެވެ.

ހައި ކޯޓު ދެކުނު ގޮފީގައި ދެން ތިއްބަވާ 2 ފަނޑިޔާރުން ކަމުގައިވާ އަލްއުސްތާޛް ޝުޢައިބު ޙުސައިން އާއި އެކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު އަދިވެސް ހުންނެވީ ހުޅުމީދޫގައެވެ. އެބޭފުޅުންގެ އެކޮމޮޑޭޝަން އަދި ސެކިއުރިޓީއަށް ވެސް ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދުތަކެއް ކުރެވުމުން ގެންދާއިރު ހައި ކޯޓު ދެކުނު ގޮފީގައި ގިނަ މައްސަލަތަކެއް ވަނީ ފުނިޖެހިފައެވެ.

އުތުރުގެ ރަށްތަކުން ހުށަހަޅާ އިސްތިއުނާފް މައްސަލަ މާލޭގައި ހުރި ހައިކޯޓަށް ބެލޭ!

2014 ވަނަ އަހަރު ކޯޓުތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުތުރުގައި ހައިކޯޓުގެ ޤާގޮތްޕެއް ގާއިމްކުރި ނަމަވެސް، އެ ކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފައެއް ނުވެއެވެ. އަދި ވަކި ހިސާބަކުން އެ ކޯޓުގެ އިދާރީ މުވައްޒަފުން ތަމްރީނަކަށް މާލެ ގެނެސް، ފަހުން އުތުރުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް މާލޭގައި ހުންނަ ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އެއާއި އެކު ތަކްލީފުތަކެއް އުފުލައިގެން ވެސް އިސްތިއުނާފް ކުރުމުގެ ހައްގު އުތުރުގެ ރައްޔިތުންނަށް އޮތް ނަމަވެސް އެފަދަ ގޮތެއް ވެސް ދެކުނުގެ ރައްޔިތުންނަކަށް ނެތެވެ.

މައްސަލައިގެ ހައްލަކީ ކޮބާ؟

 

ހައި ކޯޓު ދެކުނު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، "މަގާމުން އިސްތިއުފާ ދެއްވީ އިސްތިއުފާ ދިނުމަށް މަޖުބޫރުކޮށްފައިވުން" ކަމަށެވެ.

ޑރ. އަޒްމިރަލްދާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުގެ ކުރިން ހައިކޯޓުގެ ދެކުނު ގޮތްޕަށް ބަދަލުކުރެއްވީ ކިހާ މުއްދަތަކަށް ތޯ ސާފުކުރުމަށް މަސައްކަތްކުރެއްވިއެވެ. އެހެން ސުޕްރީމް ކޯޓާއި ޖޭއެސްސީއިން ވެސް އެކަން ސާފުވާގޮތެއް ނުވިއެވެ.

ޑރ.އަޒްމިރަލްދާގެ ކަންބޮޑުވުމަކީ މިއަދު ހައިކޯޓު ދެކުނު ގޮފީގައި ތިއްބެވި ފަނޑިޔާރުންގެ ވެސް ކަންބޮޑުވުމެކެވެ. މިފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް، ސުޕްރީމް ކޯޓުން މި އަހަރުގެ(2017) މާރޗް މަހުގެ ހައި ކޯޓުގެ ފަނޑިޔާރުން ރޮޓޭޓް ކުރުމާއި ބެހޭ ގަވާއިދެއް ވަނީ އެކުލަވާލާފައެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔަރުން. މީގެ ތެރެއިން 3 ފަނޑިޔާރުން ނިސްބަތްވެ ވަޑައިގަންނަވަނީ ރާއްޖޭގެ ދެކުނަށް. ފޮޓޯ: ޑީޖޭއޭ

ސުޕްރީމް ކޯޓުން ނެރެފައިވާ ޤަވާއިދުގައި ވާގޮތުން ގޮފިތަކަށް ހަމަޖައްސާ ފަނޑިޔާރަކީ ހައި ކޯޓުގައި ކުރިއްސުރެ މަސައްކަތް ކުރާ ފަނޑިޔާރަކުނަމަ އެ ފަނޑިޔާރަކު ހަމަޖައްސާތާ މަދުވެގެން އެއް އަހަރު ވުމުން އެ ފަނޑިޔާރަކު ބޭނުންނަމަ ހައިކޯޓަށް ނުވަތަ ހައިކޯޓުގެ އެހެން ގޮތްޕަކަށް އަލުން ހަމަޖެއްސިދާނެ އެވެ.

އެ ޤަވާއިދުގައި އިތުރަށް ބުނެފައިވާ ގޮތުން ޤަވާއިދަށް ޢަމަލު ކުރަން ފެށުމުން، އަލަށް އައްޔަން ކުރެވޭ ހައި ކޯޓްގެ ފަނޑިޔާރުން ހަމަޖައްސާނީ އެވަގުތަކު ހުސްކޮށް އޮތް ގޮތްޕެއްގެ ފަނޑިޔާރު ކަމުގެ މަޤާމަށެވެ.

ސުޕްރީމް ކޯޓުން ކިތަންމެ ފުރިހަމަ ޤަވާއިދެއް އެކުލަވާލި ނަމަވެސް، އެ ގަވާއިދަށް އަމަލު ނުކުރެވި ފާއިތުވެގެންދާ ކޮންމެ ދުވަހަކީ، ދެކުނުގެ ރައްޔިތުން އިސްތިއުނާފްކުރުމުގެ ހައްޤުން މަޙްރޫމްވެފައިވާ ދުވަހެކެވެ.
ހައިކޯޓު ދެކުނު ގޮފީގައި އެންމެ ފަހުން ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެހެން ކަމުން ދެކުނުގެ ރައްޔިތުން އިސްތިއުނާފު ކުރުމުގެ ހައްގުން މަހްރޫމްވެފައިވާތާ، މިއަދަށް 6 މަހާއި 2 ދުވަސް ވީއެވެ.