Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ސައުދުގެ ޓެރަރިޒަމްގެ ދައުވާ މާދަމާ ފަށަނީ

ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަކޮށްލުމަށް ރޭވި ކަމުގެ ތުހުމަތުގައި ޓެރަރިޒަމް ދައުވާ އުފުލާފައިވާ ގއ. ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިން އާއި އެމައްސަލާގައި ދެން ހައްޔަރު ކުރި ސައުދުގެ އަރިސް ބޭފުޅެއް ކަމަށްވާ ކުރީގެ އެޑިއުކޭޝަން މިނިސްޓްރީގެ އިބްރާހިމް ހަނީފްގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.

ސައުދު އާއި ހަނީފްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރުގެ ހުކުމެއް އަންނާނެއެވެ. ސައުދު އާއި ހަނީފްގެ މައްސަލަ މާދަމާއަށް ތާވަލްކޮށްފައިވާއިރު ދެމީހުންގެ މައްޗަށްވެސް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ރޭވި ކަމުގެ ތުހުމަތެވެ.

ސައުދުގެ ޝަރީއަތް މާދަމާ ފަށާއިރު މިދިޔަ މަހުގެ 24 ވަނަ ދުވަހު މަޖްލިސްގެ އިދާރާއަށް ވެންނެވި މައްސަލާގައި ސައުދު ހައްޔަރު ކުރުމަށްފަހު ޝަރުޠުތަކަކާއި އެކު ދޫކޮށްލީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ސައުދުގެ މައްޗަށް ހުއްދަ ނޫންތަނަކަށް ވެންނެވި މައްސަލާގައި ދައުވާ ކުރުމަށް ވަނީ ޕީޖީއަށް ފޮނުވާފައެވެ. އެއީ އިލެކްޝަން ކަމިޝަނުން ސައުދުގެ ގޮޑި ގެއްލިފައިވާކަމަށް ނިންމާފައި ވަނިކޮށް މަޖްލިސް އިދާރާއަށް ވެންނެވި މައްސަލާގައެވެ. ނަމަވެސް ސައުދުގެ ގޮޑި ގެއްލުނުކަން ސްޕްރީމް ކޯޓުން އަދި ކަނޑަ ނާޅައެވެ.