އިސްލާމިކް ފައިނޭންސް އާ ބެހޭ ގޮތުން އާއްމުންނަށް މައުލޫމާތު ދިނުމުގެ ސެޝަނަކާއި އެކު އެއްދު ވަހުގެ ސެމިނާއެއް އައްޑޫގައި ބާއްވަން ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ނިންމައިފި އެވެ.
ސީއެމްޑީއޭ އިން ބާއްވާ މި ސެމިނާ އައްޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހިތަދޫގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުޅިގެންނެވެ.
ނޫރުލް އިސްލާމްގެ އިސްވެރިޔާ އައްޝައިޙް މުޙައްމަދު އަނީލް ވިދާޅުވީ ސީއެމްޑިއޭ އިން ބާއްވާ ސެމިނާގައި މައުލޫމާތު ސެޝަނުގައި މައުލޫމާތު ދެއްވާނީ ސީއެމްޑީއޭގެ ހެޑް އޮފް އިސްލާމިކް ފައިނޭންސް އަލްއުސްތާޒާ އާއިޝަތު މުނީޒާ އެވެ.
މުނީޒާ އަކީ ސީއެމްޑިއޭގެ ކެޕިޓަލް މާކެޓް ޝަރިޢާ ކޮމެޓީގެ ޗެއާޕާސަންގެ އިތުރުން އިސްލާމިކް ފިގުހު އެކަޑަމީގެ މެމްބަރެއް ވެސް މެ އެވެ.
އަނިލް ވިދާޅުވީ އައްޑޫގައި ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ މާޗް 8 ވާ ހުކުރު ދުވަހުގެ ރޭ 8:45 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލް ހޯލްގަ އެވެ. އަދި ސެމިނާ އޮންނާނީ މާޗް 9 ވަނަ ދުވަހު ހެދުނު ހަމަ އެ ސްކޫލުގަ އެވެ.
އަނީލް ވިދާޅުވީ މި ސެމިނާގައި އިސްލާމިކް ފައިނޭންސް އާ ގުޅޭ ގިނަ މައުލޫމާތުތައް ބައިވެރިންނަށް ލިބިގެން ދާނެ ކަމަށެވެ. މިއީ މިފަދަ ސެމިނާއެއް އައްޑޫގައި ބާއްވާ ފުރަތަމަ ފަހަރެވެ.