Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

އިމާރާތެއްގެ ދަށުވި ހަތް މަހުގެ ކުއްޖަކު ސަލާމަތްކޮށްފި

ރޭ އިޓަލީއަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތެއްގެ ދަށުވި ހަތް މަހުގެ ކުޑަ ކުއްޖަކު ސަލާމަތްކޮށްފި އެވެ.

އެހެންނަމަވެސް އޭނާގެ 11 އަހަރުގެ ބޭބެ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

އިޓަލީގެ އިސްކީއާ އަށް 4.0 މެގްނިޓިއުޑްގެ ބާރު މިނުގައި އައި އެ ބިންހެލުމުގެ ސަބަބުން 2،600 މީހުންގެ ގެދޮރު ގެއްލިފައިވާއިރު، 39 މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ސަލާމަތްކުރި ހަތް މަހުގެ ތުއްތު ކުއްޖާގެ އިތުރުން އޭނާގެ ހަތް އަހަރުގެ ބޭބެ ވެސް ވަނީ އިމާރާތުގެ ދަށުން ސަލާމަތްކޮށްފަ އެވެ. އެ ކުއްޖާ ސަލާމަތް ކުރެވުނީ އިމާރާތުގެ ދަށުގައި އޮންނަތާ 14 ގަޑިއިރު ފަހުންނެވެ.

އެ ހާދިސާގައި ދެ އަންހެނުން މަރުވެފައިވާއިރު، އިތުރު މީހުން މަރުވެފައި ތިބުން އެކަށީގެންވާ ކަމަށް އިޓަލީގެ ފުލުހުން ބުނެއެވެ. އެގޮތުން ފުލުހުންނާއި ރެސްކިއުގެ ޚާއްސަ ޓީމްތަކުން ދަނީ އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ވެސް އިޓަލީ ވަނީ ބިންހެލުމެއް އައިސްފައެވެ. 6.2 މެގްނިޓިއުޑްގެ ބާރުމިނުގައި އައި އެ ބިންހެލުމުގައި 247 މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ އިތުރުން 2012 ވަނަ އަހަރު އިޓަލީ އަށް ބިންހެލުމެއްގައި 20 މީހުން މަރުވިއިރު، 2009 ވަނަ އަހަރު އައި ބިންހެލުމެއްގައި 309 މީހުން ވަނީ މަރުވެފައެވެ.