Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ސަފީރާއި ގަވަރުނަރަށް ރުހުން ދިން ގޮތް ބޭރާ ހިއްސާ ކުރާނަން: އިދިކޮޅު

ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުވާފައިވާ މުހައްމަދު ހުސައިން ޝަރީފްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު ކަމަށް ނަން ފޮނުވާފައިވާ މުހައްމަދު ނަސީރަށް، ރައްޔިތުންގެ މަޖިލީހުގައި ނިޒާމް ގެއްލިފައި ވަނިކޮށް ބާއްވާ ޖަލްސާއަކުން ރުހުން ދިނުމަށް ފާސްކޮށްފި ނަމަ، ބޭރުގެ ފަރާތްތަކަށް އެކަން އަންގާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

އެގޮތުން ދެއްވާ މަޢުލޫމާތަށް ބޭރުގެ ފަރާތްތަކުން ސަމާލުކަން ދޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް މިރޭ ބޭއްވި ނޫސް ކޮންފަރެންސެއްގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވެއެވެ. އިންތި ވިދާޅުވީ އެފަދަ ޖަލްސާއަކުން ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މުހައްމަދު ހުސައިން ޝަރީފަށް ރުހުން ދީފިނަމަ، އެކަން ލަންކާ ސަރުކާރުގެ އިތުރުން ލަންކާގައި ހުންނަ އެހެނިހެން ޤައުމްތަކުގެ މިޝަންތަކަށް ވެސް އަންގަވާނެ ކަމަށެވެ.

އިންތި ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް އިތުބާރުނެތް ބޭފުޅަކު ޣައިރުޤާނޫނީ ގޮތުގައި އިންނަވައި، ސިފައިން ވައްދައިގެން މަޖިލީހުގެ މެމްބަރުންނަށް ގޯނާކޮށް އަދި މެމްބަރުންނަށް މަޖިލީހަށް ވަދެވޭނެ ގޮތް ބަންދުކުރުމުގެ އިތުރުން އެހެނިހެން ކަންތައްތައް ޤާނޫނާއި ޚިލާފަށް ކުރުމަށްފަހު ބާއްވާ ޖަލްސާތަކަކީ ސައްޙަ ޖަލްސާތަކެއް ނޫން ކަމަށެވެ.

އެފަދަ ޖަލްސާއަކުން އެމްއެމްއޭގެ ގަވަރުނަރަށް ވެސް ރުހުން ދީފިނަމަ، އެކަން ވޯލްޑް ބޭންކްގެ އިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ބައިނަލްއަޤްވާމީ އެހެނިހެން މާލީ އިދާރާތަކަށް އަންގަވާނެ ކަމަށް ވެސް އިމްތިޔާޒު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ މަޤާމަށް އައްޔަން ކުރައްވާ ބޭފުޅުންނަށް ރުހުން ދޭން ފެނޭތޯ އަހާ ވޯޓް ބާއްވާނީ މިއަދު ބޭއްވި ފަދަ ރައްޔިތުންގެ މަޖިލިސް ހިސޯރުކުރެވި، ނިޒާމް ގެއްލިފައިވާ ޖަލްތާކައްގައި ކަމަށް ބެލެވޭ ކަމަށެވެ.

ދާދިފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޖަލްސާތަކެއް ވެސް ބާއްވާފައި ވަނީ އެމްއެންޑީއެފް ގެ ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ ޗެމްބަރުގައި ތިއްބަވައިގެންނެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެގޮތަށް ބާއްވާ ޖަލްސާތަކަކީ ސައްޙަ ޖަލްސާތަކެއް ނޫން ކަމަށެވެ.

މިރޭ ބޭއްވި ނޫސް ކޮންފަރެންސްގައި އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަކީ އިތުބާރު ގެއްލިފައިވާ ބޭފުޅެއް ކަމަށާއި، އޭނާ ރިޔާސަތުގައި އިންނަވައިގެން ޖަލްސާއެއް ބޭއްވިޔަ ނުދޭނެ ކަމަށެވެ.