Last Updated: July 26, 17:06
Sunday, July 26, 2026
ޚަބަރު

ކައުންސިލުން 2018 ގެ ލަފާ ކުރާ ބަޖެޓް ފާސްކޮށްފި

އައްޑޫސިޓީ ކައުންސިލުން 2018 ވަނަ އަހަރަށް ލަފާ ކުރާ އިދާރީ ބަޖެޓް ފާސްކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބަޖެޓް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވި 5 ކައުންސިލަރުންގެ އަޤްލަބިއްޔަތުންނެވެ.

ފިނޭންސް މިނިސްޓްރީ އިން ކައުންސިލަށް ފޮނުއްވާފައިވާ ސަރކިއުލަރގައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ ބަޖެޓް ކަނޑައަޅަން ޖެހެނީ 18.1 މިލިއަން ރުފިޔާގެ ބަޖެޓް ސީލިންގއަށް ވުރެ އިތުރު ނުވާގޮތަށެވެ.

އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ކައުންސިލަރުން ވެސް ވަނީ ބަޖެޓް ސީލިންގެ ކުޑަކަން ފާހަގަކުރައްވާފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މުސާރައަށް އެކަނިވެސް 12 މިލިއަނަށް ވުރެ އިތުރަށް ޚަރަދު ކުރަން ޖެހޭކަމަށް ކައުންސިލުން މައުލޫމާތު ދެއްވައެވެ. އަދި އޭގެ އިތުރަށް ހިނގާ ރިކަރަންޓް ޚަރަދުތައް ކެނޑުމަށް ފަހު އެންމެ 18 މިލިއަން ރުފިޔާގެ ބަޖެޓަކުން ރައްޔިތުންގެ ލާބަ އާއި މަންފާއަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި ފިނޭންސް މިނިސްޓްރީން ބަޖެޓު ކަނޑައެޅުން "ފިއްތާފައިވަނީ" އިންސާފުން ނޫން ކަމަށް ކައުންސިލުން ބުނެއެވެ.