Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ޕީޕީއެމަށް މިއަދު ލިބުނީ އެންމެ 28 ވޯޓް!

ރައްޔިތުންގެ މަޖިލީހުގައި މިއަދު ލަންކާ ސަފީރުކަމަށް މުހައްމަދު ހުސެއިން ޝަރީފް އައްޔަން ކުރުމަށް ފެނޭތޯ ނެގި ވޯޓުން ސަރުކާރަށް އުއްމީދު ނުކުރާ ދަށް އަދަދަށް ވޯޓު ލިބިއްޖެއެވެ.

ލަންކާގެ ސަފީރުކަމަށް މުހައްމަދު ހުސެއިން ޝަރީފް އައްޔަން ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 28 މެމްބަރުންނެވެ. އޭގެ ފަހުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގައި ރާއްޖެ ބައިވެރި ވުމުގެ މައްސަލަ ފާސްވީ އެންމެ 27 ވޯޓުންނެވެ.

މިއީ މިފަދަ މަދު އަދަދަކަށް ސަރުކާރުން ހުށަހެޅި މައްސަލައަކަށް ވޯޓު ލިބުނު ފުރަތަމަ ފަހަރެވެ. މިއަދުގެ ޖަލްސާގެ ވޯޓު ނަތީޖާ އާއި އެކު އިދިކޮޅު މެމްބަރުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ޖޯކު ޖަހާފައެވެ. އެގޮތުން އިވާ، އިމްތިޔާޒު ފަހުމީ އަދި މާރިޔާ ވަނީ މި ދަށް ނަތީޖާއަށް ފާޑު ވިދާޅުވެފައެވެ.

އިމްތިޔާޒު ފަހުމީ ވިދާޅުވީ ސުޕަ މެޖޯރިޓީ ގެއްލި އެންމެ ފަހުން މަސީހު ހިމާޔަތް ކުރައްވަން ހައްދަވައިގެން 28 ވޯޓުން 27 ވޯޓަށް ދަށްވެފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާ މި ދެވޯޓަށް ފަހު ވަނީ މެދު ކަނޑާލާފައެވެ. މަޖްލިސް ޗެމްބަރގައި މިއަދުވެސް މެމްބަރުންނަށް ވުރެ ގިނައީ ސިފައިންނެވެ.