Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

ސަލާމަތުން ހުރީ އަޅުގަނޑުގެ ބޯ އެކަނި: އައިބީ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި މާފުށީ ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އަށް އިޝާރާތް ކުރައްވައި ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރޭ މޯލްޑިވްސް ޑިވޮލަޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ޖަގަހައިގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވި ގޮތުގައި، މި އަހަރުގެ ސެޕްޓެމްބަރ 19 ވަނަ ދުވަހު "ޖައްވެއް އަދި ފަޒާއެއް ވެސް ނޯންނާނެ" ކަމަށެވެ.

ސެޕްޓެމްބަރ 19 އަށް އިޝާރާތް ކުރައްވައި އައިބީ ވިދާޅުވި ގޮތުގައި، މިއަދު ހުރިހާ "ބޯތަކެއް ހުރީ އެއްތަނަކަށް ކަމަށާއި ސަލާމަތުން ހުރީ ހަމަ އެކަނި އަޅުގަނޑުގެ ބޯ" ކަމަށެވެ.

އައިބީ ވިދާޅުވި ގޮތުގައި ރާއްޖޭގެ އެއްވެސް ރައްޔިތަކު އެބޭފުޅާ އާއި ދިމާލަށް ގޮޅާބޯ، ގަންޖާބޯ އަދި ބާޣީ އެކޭ ވެސް ނުގޮވާނެ ކަމަށެވެ. އެހެން ނަމަވެސް މި ތިން ނަމުން ނުގޮވާ އެއްވެސް ރައްޔިތެއް ނެތް ކަމަށެވެ.

"ބަލަ ޖައްވު އެބައޮތޭ ފަޒާ އެބައޮތޭ، ސެޕްޓެމްބަރ 19 އަކީ ކޮން ދުވަހެއްތޯ. ފަޒާއަށް ޖައްވަށް ބަޑި ޖެހި ދުވަސް މިފަހަރަކު ޖައްވެއް ނޯންނާނެ ފަޒާއެއް ނޯންނާނެ، ހުރިހާ ބޯތައް އޮތީ އެއްތަނަކަށް. ހަމައެކަނި އަޅުގަނޑުގެ ބޯ ސަލާމަތުން މިހިރީ. ބަލަޖަހަންވާ ހުރިހާ ބޮލެއް އެއްތާކު ހުރީ، އެއީ ގޮޅާ އަކަށް ވިޔަސް އެއީ ގަންޖާ އަކަށް ވިޔަސް"

ރައީސް މައުމޫނަށް ނުސީދާ ގޮތެއްގައި އައިބީ ފާޑުވިދާޅުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު އައިބީގެ ކެމްޕެއިނަށް މައުމޫނު އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަކޮށްލެވެއެވެ. އަދި އައިބީ ވެސް ކެމްޕެއިންގެ ދުވަސްވަރު މައުމޫނަަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފައިވެއެވެ.